ޚަބަރު އިޖުތިމާޢީ ސަރުކާރު

ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑް ކުރުމަށް ސްޓެލްކޯއާއެކު ސޮއި ކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތް ދިނުމުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާ އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ މި މަޝްރޫޢު ކުރިއަށް ގެންދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މި އެއްބަސްވުމުގެ މަޤުސަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ހަމަ އެހެންމެ މި ޚިދުމަތަށް ކުރިއަށް އޮތް ތަނުގައި ޑިމާންޑު އިތުރުވާނެ މިންވަރު ދެނެގަނެ، މި ނިޒާމުގެ އެކި މަރާމާތުތަކަށާއި އަޕްގޮރޭޑް ކުރުމަށް ބޭނުންވާ މަަޝްރޫއެއް އެކުލަވާލައި ތަންފީޒު ކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ވެސް އެކަށައަޅަން ޖެހޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ ޒިންމާތަކުގެ ތެރޭގައި ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓް ޑިމާންޑް ސްޓަޑީއެއް ހެދުމާއި، ވިލިމާލޭގެ އިންފްރާސްޓްރަކްޗާގެ ހާލަތު ދިރާސާ ކުރުން ހިމެނެވެ.

މީގެ އިތުރުން މި ދިރާސާތަކުގެ އަލީގައި އިންފްރާސްޓްރަކްޗާގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ މިންވަރު ކަނޑައަޅައި، މަރާމާތު ކުރުމާއި އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްގެ އަދަދު ކަނޑައަޅައި، މަޝްރޫއެއް އެކުލަވާލައި ތަންފީޒުކުުރާނެ ގޮތުގެ ޕްލޭނެއްވެސް ހުށަހަޅަން ޖެހޭނެއެވެ.

މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހިމެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!