Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖަޕާނަށް އައި ބިންހެލުމާއި ގުޅިގެން ރައީސް ތައުޒިއްޔާ ފޮނުއްވައިފި

ޖަޕާނަށް އައި ބިންހެލުމާއި ގުޅިގެން ރައީސް ތައުޒިއްޔާ ފޮނުއްވައިފި

ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސް ޑރ މުހައްމަދު މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޑރ މުއިއްޒު ފޮނުއްވި މެސެޖުގައި، ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ.

ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ހާއްސަކޮށް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޒައާމަތުގައި، މި ކާރިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން، އަލުން އެ ސަރަހައްދު އާރާސްތުކުރުމުގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، މިކާރިސާއިން ގައުމު އަވަހަށް އަރައިގަތުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް