މަޖިލިސް އިންތިޚާބުގައި ވާދަނުކުރަން އަލްހާން ނިންމަވައިފި

ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށް ކުރަމުން އަންނަ ޕޮންޒީ ސްކީމްގެ ތުހުމަތާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވާތީ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރަން އަލްހާން ނިންމަވައިފިއެވެ.
އެގޮތުން މިކަން ހާމަކޮށް އަލްހާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަން ހުށަހަޅާ، އެކަން އިއުލާނު ކުރުމުން އޭނާގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އާއި ކުރިމަތިވި މައްސަލަ އާއި ގުޅިގެން އެ ކުންފުންޏާއެކީ މުޢާމަލާތް ކުރި ބައެއް ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ މުޢާމަލާތުތައް ނުނިމި ހުއްޓާ، މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލުމާމެދު ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމަށެވެ.
އެހެން ކަމުން ރައްޔިތުންގެ މަޖިލިސް ގޮނޑިއަކަށް ކުރިމަތިލުމާމެދު ފާޑު ބައެއް ފަރާތްތަކުގެ ފާޑު ކިޔުންތައް އަމާޒުވަމުން އަންނާތީ އެ މުޢާމަލާތާއި ގުޅިގެން ކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް ނުނިންމާ، މި ފަދަ އިންތިޚާބެއްގައި ވާދަކުރުމަކީ ހިތަށް އެހާ ފަސޭހަ ކަމަކަށް ނުވާތީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާ ހުށަހަޅާފައިވާ އޭނާގެ ނަން އަނބުރާ ނަގާފައިވާ ކަމަށް އަލްހާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އެމްޑީޕީގެ ޓިކެޓުގައި ކާށިދޫ ދާއިރާއަށް ވާދަކުރަން ނިންމަވާފައިވާކަން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ހާމަކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މަޖިލިސް އިންތިޚާބު އޮންނާނެ ދުވަހެއް އަދި އިލެކްޝަނުން ނިންމާފައެއް ނުވެއެވެ.