Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކައުންސިލްތަކުގެ އެދުމާ އެއްގޮތަށް އިޚްތިޞާސްގެ ބޭރުން ވެސް ފަޅު ރަށްތައް ލިބޭނެ ގޮތަށް ހަމަޖައްސައިފި

ކައުންސިލްތަކުގެ އެދުމާ އެއްގޮތަށް އިޚްތިޞާސްގެ ބޭރުން ވެސް ފަޅު ރަށްތައް ލިބޭނެ ގޮތަށް ހަމަޖައްސައިފި

ރަށު ފެންވަރުގައި ރައްޔިތުން ކުރާ މަސައްކަތްތަކާއި ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރަން ސަރުކާރުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާއި ބެހޭ ޤަވާއިދަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ގެނައި އިޞްލާހުގައެވެ. މި އިޞްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ގަވާއިދުގެ ދަށުން ކައުންސިލްތަކުގެ އިޚްތިސާސްގައި ނުހިމެނޭ ފަޅުރަށްތަކަށް ވެސް އެދެވޭނެއެވެ. އާމްދަނީ ހޯދުމަށް ރަށްތަކުގައި ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށް ކައިރި ރަށްތައް ދިނުމަށް ކައުންސިލްތަކުން ސަރުކާރުގައި އަބަދުވެސް އެދެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު އެކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް އިންގިލާބީ ފިޔަވަޅެއް އެޅިގެންދާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ރައީސްގެ މި ނިންމެވުމާއެކު ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރާނީ އެ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމަށްފަހުއެވެ. މި ޕްރޮޕޯސަލް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން އެ ޕްރޮޕޯސަލް ފާސްކުރަން ޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ. ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅެނީ ސަރުކާރުން ކަނޑައަޅާ ރަށްތަކަކަށެވެ. އެ ރަށްތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ކޮންމެ ރަށަކުން ވެސް ފަޅުރަށް ދޫކުރުމާ ގުޅޭގޮތުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލުން ހުއްދަ ހޯދަން ޖެހޭނެކަން ވެސް ގަވާއިދުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާއިރު ކުއްޔާ ބެހޭ ބައި ނުހިމަނާވެސް ހުށަހެޅިދާނެ ކަމަށާއި އެގޮތަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ދޫކުރާ ފަޅުރަށްތައް ކުއްޔަކާ ނުލައި ދޫކުރެވޭނެކަމަށް ޤަވާއިދުގައިވެއެވެ. ކައުންސިލްތަކަށް އެދެވޭނީ އެކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށެއް ހޯދުމަށް ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ އަތޮޅުގައި ރަށެއް ނެތް ކަމުގައި ވާނަމަ އެހެން އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދައާއެކު އެ އަތޮޅެއްގެ ފަޅު ރަށެއް ހޯދޭނެކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރާނީ 10 އަހަރުގެ މުއްދަތަކަށެވެ. އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލް ގުޅިގެން ފަޅުރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅޭއިރު އެ ހޯދާ ރަށެއްގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކުރައްވާފައެވެ.

އައު ޤަވާއިދުގެ ދަށުން ފަޅުރަށްތަކުގައި ކުރެވޭނެ ކަންކަން:

- ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން - ތަކެތި ގުދަންކުރުން - ކުކުޅާއި ގެރިބަކަރި އަދި ދޫނި ގެންގުޅުން - މަސް ކައްކައި ހިއްކުން - ލޮނުމަހުގެ މަސައްކަތް ކުރުން - ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން - އެކުއަކަލްޗާގެ މަސައްކަތް ކުރުން - ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން/ ދިރޭމަސް ގެންގުޅުން - އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން - ފައިބަރާއި ވަޑާމާއި އެޅިގަލުގެ މަސައްކަތާއި ވޯކްޝޮޕްތައް ހެދުން - ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހދުމަތް ދިނުން - ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

ގެޒެޓްކުރި މި ޤަވާއިދަށް އަމަލު ކުރަން ފަށައި ރަށްތައް ދޫކުރަން ފަށާނީ އެއް މަސްދުވަސް ފަހުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް