ދެން ފުރަމަލަ: އިސްތަށިގަނޑު ސްޓައިލް ކުރުމުގައި އެންމެންގެ އިތުބާރާއި ލޯބި ލިބިފައިވާ މައިކް!
މުޙައްމަދު މަމްދޫޙް އަޙްމަދު އޭ ބުނުމުން ފަހަރެއްގައި ނޭނގޭނެ މީހުން ތިބެދާނެ އެވެ. ނަމަވެސް ހެއާރސްޓައިލިސްޓް "މައިކް" އޭ ބުނުމުން އޭނާއަކީ ކާކުކަން ނުދަންނާނެ މީހަކު މަދުވާނެއެވެ.
ތަފާތު އެކި ގޮތްގޮތަށް އިސްތަށިގަނޑު ކޮށުމާއި ސްޓައިލް ކުރުމުގައި މައިކް އަކީ އެފަދަ ދެވަނައެއް ނުވާ ފަރާތެކޭ ބުންްޏަސް ދޮގަކަށް ނުވާނެއެވެ. އޭނާ ގެންގުޅޭ ކަތުރުތަކުން ކޮށޭ ކޮންމެ އިސްތަށްޓަކާއެކު މީހުންގެ ފަރާތުން އޭނާއަށްޓަކައި ލިބެމުންދިޔަ އިތުބާރު ދިޔައީ އިތުރުވަމުންނެވެ.
"މައިކް" އަކީ ބްރޭންޑެކޭ މީހުން ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ނުހަނު ޒުވާން އުމުރުގައި ދިރިއުޅުމުގައި އެތަކެއް ކަންތައްތަކެއް ދިމާވި ނަމަވެސް މައިކް ދިޔައީ އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް މަސައްކަތްް ކުރުމުގައި ކުރިއަށެވެ. އޭނާއަކީ މީހުންގެ ފާޑުކިޔުންތައް އިންތިހާއަށް ކުރިންވެސް އަދި މިހާރުވެސް ބައެއް ފަހަރު ލިބެމުން އަންނަ ފަރާތެއް ނަމަވެސް، ހިތްވަރާއެކު މަސައްކަތްކުރާ އަޒުމް ވަރުގަދަ ޒުވާނެކެވެ.
"ދެން" ފުރަމަލައަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި މައިކް މިވަނީ އޭނާގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ޙިއްސާ ކޮށްފައެވެ.
"އަޅުގަނޑު ވަރަށް ކުޑައިރުއްްސުރެ ވެސްް ފެޝަން އާއި އާޓްރެންޑުތަކަށް ޝައުޤުވެރިކަން ހުރޭ. ބޮޑުވަމުން އައިއިރު އަޅުގަނޑު ދިޔައީ ފެޝަން އާއި ގުޅޭގޮތުން ދަސްކުރެވެން ހުރި ހުރިހާ ކަމެއް ހުރިހާ ގޮތަކުން ދަސްކުރަމުން. ފުރަތަމަ ފެށީ މޮޑެލް ކުރުމުން، އެހެންގޮސް ރޭމްޕް ކޮރިއޮގްރަފީ، ފެޝަން މާކެޓިންގ ފޮޓޯގްރަފީ، ފެޝަން ޑިޒައިނިންގ އަދި އެންމެފަހުން މޭކަޕް އާއި ހެއާރ ޑްރެސިންގ ވެސް ދަސްކޮށް ތަޖުރިބާ ކުރަން ފެށިންް." އޭނާގެ ކުޑަ ތަޢާރަފެއް ދެމުން މައިކް ބުންޏެވެ.
ހެއާރ ޑްރެސަރ/ސްޓައިލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާތާ ކިހާ ދުވަހެއް ވެއްޖެ؟
"އަޅުގަނޑު ހެއާރ މޭކަޕް އެންޑްް ބިއުޓީކެއާރ ދަސްކުރީ 2012 ވަނަ އަހަރުގައި. ނަމަވެސް ހެއާރ ޑްރެސަރ އެއްގެ ގޮތުގައި އިންޑަސްޓްރީގައި މަސަައްކަތް ކުރަން ފެއްޓީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން."
ކީއްވެ މިކަހަލަ މަސައްކަތެއް (ހެއަރ ޑްރެސިންގ) ކެރިއަރަކަށް ނެގީ؟
"ތެދަށް ބުނަންޏާ އަޅުގަނޑު ހިއެއް ނުކުރަން މިމަސައްކަތް ފެށުމަށްފަހު ހަމަ މިދާއިރާގައި ފައިތިލަ ސާާބިތުކޮށްގެންް ހުރެވޭނެ ކަމަކަށް. އެއީ 2012 ގައި މިމަސައްކަތް ދަސްކުރި ނަމަވެސް ހަމަ އެވަގުތުން ވަގުތަށް މަސައްކަތް ކުރަން އަޅުގަނޑު ނުފަށާ ހުރީމަ. އެއިރު އަދާކުރާނެ ވަޒީފާއެއް ހޯދަމުން ދިޔައީ. އަޅުގަނޑު ދަސްކޮށްފައި ހުރި އެއްޗެއްގެ ބޭނުން ކުރެވެންް ފެށުނީ 2014 ވަނަ އަހަރު. ވަރަށް ރަނގަޅު ފުރުސަތެއް އެފަހަރު ލިބުނީ ވެސް އެހެންވެ، އެދުވަހުން ފެށިގެންް މަސައްކަތަށް ވަރަށް ބޮޑަށް ހިތްްޖެހި، މިދާއިރާއާއިގެން ކުރިއަށް މިދަނީ."
މިކަހަލަ މަސައްކަތެއް ކުރާއިރު، ކޮންކަހަލަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނީ؟
"ކުރިމަތިލާން ޖެހުނު ގޮންްޖެހުމެއް ގިނައިން އަންހެނުން މަސައްކަތް ކުރާ މިކަހަލަ ދާއިރާއެއްގައި ފިރިހެނަކު މަސައްކަތް ކުރަންް ފެށުން. ވަރަށް ގިނަ މީހުން ފާޑުކިޔާ ހެދި. ނަމަވެސްް އަލްޙަމްދުލިއްﷲ. ޒަމާނަށް އަންނަމުންދާ ބަދަލާއެކު ގިނަ މީހުން ވަނީ މިކަންވެސް ބަލައިގަނެފައި. ވަކި ޖިންސަކަށް، މީހަކު ހުންނަ ވަކި ގޮތަކަށް ބަލައިގެން ޖަޖްކުރުން މިހާރު ވަނީ ވަރަށް ބޮޑަށް ހުއްޓިފައި."
މިދާއިރާގައި މަސައްކަތް ކުރާއިރު، މިހާތަނަށް އެންމެ ހަނދާނުން ފުހެލަން އުނދަގޫވާނެ އެއް ވަގުތު ކޮޅަކީ ކޮބާ؟
"އެއީ ލޯކަލް މާސްޓާކްލާސް އިވެންޓެއްގައި އަޅުގަނޑު ކުރި މަސައްކަތަކަށް ބެސްޓް ހެއާރ އެންޑް މޭކަޕްގެ މަގާމު ލިބުނު ދުވަސް. އެދުވަހުގެ އެވަގުތުކޮޅަކީ އަޅުގަނޑަށް ބޮޑު އުފާވެރިކަމެއް ލިބުނު ވަގުތުކޮޅެއް. ތެދައް ބުނަންޏާ އަޅުގަނޑުގެ މަސައްކަތްދެކެ އަމިއްލައަށްވާ ލޯބި އެދުވަހު ވަރަށް ބޮޑަށް އިހުސާސު ކުރެވުނު."
މިކެރިއަރު (ހެއާރ ޑްރެސިންގ) ނޫން އެހެން ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހުނުނަމަ، ކޮން ދާއިރާއެއް އިޚްތިޔާރު ކުރާނީ؟
"ބޮޑަށް ހީވަނީ އެކްޓިންގގެ ދާއިރާއިންހެން ކުރިއަށް ދާނީ. އަޅުގަނޑު ވެސް ބޮޑުވީ ވަރަށް ގިނަ ފިލްމުތައް ބަލައިގެން ކަމުގައިވާތީ އެކްޓު ކުރުމަށް ވަރަށް ޝައުޤު ހުރޭ"
ދިރިއުޅުމާއި މަސައްކަތުގެ މައިދާނުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ ކޮން ފަރާތަކުން؟
"އަޅުގަނޑަށް މިފަދަ ބާއްޖަވެރި ޙަޔާތެއް ދެއްވީތީ މާތް ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. ދިރިއުޅުމުގައި އާދެވިފައި މިހުރި ހިސާބަށް އައުމުގައި އަޅުގަނޑަށް ހިތްވަރުދީ އަޅުގަނޑަށް އެކި ގޮތްގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދޭ އެތައް ބަޔަކުވޭ. ކިތަންމެ ކުޑަކަމެއް ނަމަވެސް މިފަރާތްތަކުންް އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދީ، ހިތްވަރުވެސް ދީފައިވޭ. އަޅުގަނޑު ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތް ކޮށްދީފައިވޭ. އެގޮތުން އަޅުގަނޑުގެ އެންމެ ފުރަތަމަ ބޮސް ޝްރެޔާ، ރަޒީ އާއި ހުޒޭ, އަޅުގަނޑުގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންގެ އިތުރުން އެންމެ ގާތް ރަޙުމަތްތެރިން ވެސް ހިމެނޭ"
ކުރިން އެކުގައި މަސައްކަތް ކޮށްފައި ހުރި ތަންތަނުން އެންމެ ހަނދާންވަނީ ނުވަތަ މިސް ވަނީ ކާކު މަތިން؟
"އެކުގައި މަސައްކަތް ކުރި މީހުން މަތިމް އެހާ މިސްް އެއް ނުވޭ. އެކަމަކު ނަދާ ސެލުންގައި މަސައްކަތް ކުރުން ވަރަށް ބޮޑަށް މިސްވޭ. އެއީ ބޮޑު ޓީމަކާއެކު މަސައްކަތް ކުރުމަކީ އަޅުގަނޑު ވަރަށް މިސްވާ ކަމަކަށްވާތީ"
ދިރިއުޅުމުގައި އެބަޔަކު ހުރީތީ އުފާވާ އަދި ޝުކުރު އަދާ ކޮށްލަން ބޭނުންވާ ފަރާތްތަކަކީ ކޮބާ؟
"ލިސްޓު ވަރަށް ދިގު ވެދާނެ. އެކަމަކު އެބަޔަކު ހުރީތީ އެންމެ އުފާވާ މީހުންގެ ނަންތަށް ހިމަނާލެވޭތޯ މަސައްކަތްް ކުރާނަން. އެގޮތުން އަޅުގަނޑުގެ ހުރި ހަމައެކަނި ކޮއްކޮ ޝައި، އަޅުގަނޑުގެ ލޯބިވާ އަންހެނުން ޝިމް، އަޅުގަނޑު ކޮއްކޮއެއް ފަދައިން ދެކޭ ޖިލް، މަސައްކަތުގައި އަޅުގަނޑުގެ ޕާޓްނަރ ނައްނި، ނާނި އާއި އޭނަގެ އަންހެނުން، އަޅުގަނޑުގެ ސޯލް ސިސްޓަރ ޝުހާ، އަދި ބެސްޓް ފްރެންޑުން ކަމުގައިވާ ސާރާ އާއި މާޔާ. ލިސްޓު ވަރަށް ދިގު"