ޚަބަރު ސަރުކާރު ސިޔާސީ

ރާއްޖޭގެ ކުޅިވަރުތައް ކުރިއަރުވާނެ ނިޒާމެއްގެ ޕްލޭން ހެދުމަށް ދުނިޔޭގެ ތަޖުރިބާކާރެއް މި މަހުގައި ރާއްޖެ އަންނާނެ: މިނިސްޓަރު ރާފިޢު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރާއްޖޭގެ ކުޅިވަރުތައް ކުރިއަރުވާނެ ނިޒާމެއްގެ ދުރު ރާސްތާ ޕްލޭނެއް ހެދުމަށް ދުނިޔޭގެ ތަޖުރިބާކާރެއް މި މަހުގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާފިޢު މިހެން ވިދާޅުވީ ސިލްސިލާ ޕްރޮގްރާމެއްކަމަށްވާ "އަހާ" ފޯރަމްގެ ފުރަތަމަ ބައިގައި  ބައިވެރިވެ ވަޑައިގެން އާއްމުންގެ މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

މިނިސްޓަރު ރާފިޢު ވިދާޅުވީ އެބޭފުޅާ އެ މިނިސްޓްރީއާ ޙަވާލުވެވަޑައިގެންނެވި އިރު، ކުރީ ސަރުކާރުން ފަށާއިފައިވާ 232 ޕްރޮޖެކްޓެއް އޮތްކަމަށާއި، އެ ޕްރޮޖެކްޓުތަކުގެގެ މުޅި ވެލިއު 2 އަހަރުގެ ބަޖެޓަށްވުރެވެސް ގިނަކަމަށެވެ. އަދި އެއީ 600 މިލިއަނަށްވުރެ ބޮޑު ވެލިއުއެކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ދަރަނި 160 މިލިއަނަށް އޭރު އަރާފައިވާކަމަށެވެ.

އެހެންނަމަވެސް ފާއިތުވި 2 މަހެއްހާ ދުވަހުގެ ތެރޭގައި 125 މިލިއަން ދަރަނި ދައްކާފައިވާކަމަށާއި އިތުރަށް 131 ޕްރޮޖެކްޓު ފަށާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅެން ހަދާފައި ހުންނަ ތަންތަން ވީރާނާވެފައިވާ ވާހަކަ ފާހަގަކުރައްވަމުން އެބޭފުޅާ ވިދާޅުވީ އެތަންތަން މަރާމާތުކުރުމުގެ މަސައްކަތްތަކާއި ހުއްޓިފައިވާ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައްވެސް މިހާރު ފަށާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 4 ޕްރޮޖެކްޓެއް މިހާރު ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރުތައް ކުރިއަރުވާނެ ނިޒާމެއްގެ ލޯންގް ޓާމް ޕްލޭނެއް ދުނިޔޭގެ އޮލިމްޕިކްގައިވެސް އެންމެ ކާމިޔާބު ހޯއްދެވި ފަރާތުގެ ލަފަޔާއެކު ހެދުމަށް ނިންމަވާފައިވާކަމަށާއި، ރާއްޖެއިން އެ ވަޑައިގަންނަވާ ބޭފުޅާ މި މަހުގެ 31 ވަނަ ދުވަހު ވަޑައިގަންނަވާނެކަމަށް މިނިސްޓަރ ރާފިޢު ވިދާޅުވިއެވެ.

"ކުޅިވަރުގެ ނިޒާމު ބައްޓަންކުރަންވީ ކިހިނެއްކަމާއި، ސުކޫލު ތަކުގެ ކުޅިވަރުތައް އެކެޑެމިކް ކަލަންޑަރާއި ފުށުނާރާގޮތަށް ގެންދާނީ ކިހިނެއް ކަމާއި، ކުޅިވަރުގެ ތަމްރީނުތައް އެކުދިންގެ އުމުރާއި ގުޅޭ ގޮތަށް، އެކުދިންގެ ހެދިބޮޑުވުމާއި ގުޅޭގޮތަށް ބައްޓަންކޮށްގެންދާނީ ކިހިނެއްކަމާއި، އަދި އަޅުގަނޑުމެންގެ ކުޅިވަރުތައް ކުރިއަރުވައި ރާއްޖެ ނޫން އެހެން ޤައުމުތަކުގައިވެސް އިންޓަރނޭޝަނަލް ސްޓޭޖުގައި އެކުދިން ޕޯޑިއަމްއިން އަޅުގަނޑުމެންނަށް ފެންނާނެ ގޮތް ހެދުން އެއީ މި ޕްރޮގްރާމްގެ އެންމެ މުހިންމު ބަޔަކީ. އެހެންވީމަ އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުމެންގެ އެތްލީޓުން، އަޅުގަނޑުމެންގެ އެ ކުދިން ކުޅޭ ޕާކުން ފެށިގެން އިންޓަނޭޝަނަލް ސްޓޭޖުގެ ޕޯޑިއަމުން އެހިސާބަށް ގެންދާނެ ގޮތުގެ ދިގު ރާސްތާ ޕްލޭނެއް ހެދިގެން އެކަން އަޅުގަނޑުމެންނަށް ފެނިގެންދާނެ މަންޒަރު އަޅުގަނޑަށް ފެންނަނީ" މިނިސްޓަރު ވިދާޅުވިއެވެ.

"އަހާ" ފޯރަމް އަކީ، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި އެކި އެކި މަސައްކަތްތަކާއި ރައްޔިތުންނާއި ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުގެ އެކި ވަޒީރުންނާއި ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުޞަތު އެރުވުމުގެ ގޮތުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްވަވާފައިވާ ޚާއްސަ ސިޔާސަތެއްގެ ދަށުން ބާއްވާ ޚާއްޞަ ފޯރަމެކެވެ. މިރޭ ކުރިއަށް ގެންގޮސްފައިވަނީ މި ސިލްސިލާ ޕްރޮގްރާމްގެ އެންމެ ފުރަތަމަ ފޯރަމެވެ.

މި ފޯރަމުގައި ސަރުކާރުގެ އެކި އިދާރާތަކުން 5 ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެއީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!