ސިނަމާލެ ބްރިޖުހާ ތިލަމާލެ ބްރިޖު ރީތިނުވެދާނެ,ރައްކާތެރިކަމުގެ މައްސަލައެއްނެތް: މުއްތަލިބް
ކުރީ ސަރުކާރުން އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބަލާބެލުމަށް ސިނަމާލެ ބްރިޖުހާ ރީތި ނުވެދާނެ ކަމަށާއި ނަމަވެސް, ރައްކާތެރިކަމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު އެފަދައިން "އަހާ" ޕްރޮގްރާމްގައި ބްރިޖުގައި ހޮޅިތަކެއް ޖަހާފައި ކޮންކްރީޓު އަޅާތަން ފެންނާތީ އެއީ ވަގުތީ ތަނެއްތޯ އާންމުންގެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މުއްތަލިބް ވިދާޅުވީ, ހޮޅިތަކުގެ މަސައްކަތަކީ ދާއިމީ މަސައްކަތެއް ކަމަށާއި ހޮޅިއަކީ ސިނަމާލެ ބްރިޖު އެޅިއިރު ވެސް ކޮންކްރީޓު މަސައްކަތް ކުރީ ހޮޅި ޖަހައިގެން ކަމަށެވެ. ސިނަމާލެ ބްރިޖުގައި އެ ހޮޅިތައް ފެންނަން ނެތީ ކަނޑުއަޑިއަށް ކެޕިން އަޅާފައި ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ތިލަމާލެ ބްރިޖުގައި ނިމިގެންދާއިރު ވެސް ހޮޅީގެ މިންވަރެއް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަލާބެލުމަށް ހަޑިވެދާނެ, ޗައިނާ ބްރިޖުހާ ރީތި ނުވެދާނެ ދުރުން. އެހެންނަމަވެސް ސަލާމަތީ ގޮތުން އެއްވެސް މައްސަލައެއް ނުހުންނާނެ," އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްތަގްބަލުގައި ހޮޅި ގިރައިގެން ދިޔަނަމަވެސް ރަނގަޅަށް ކޮންކްރީޓު ކުރެވިފައި ހުރުމުން އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށެވެ.