ޚަބަރު ސަރުކާރު

އިސްލާމިކް މިނިސްޓަރެއް ސައުދީއަށް މިދިޔައީ 10 އަހަރު ފަހުން, މިއީ ދެރަ ކަމެއް: މިނިސްޓަރު ޝަހީމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިސްލާމިކް މިނިސްޓަރެއް ސައުދީ ޢަރަބިއްޔާއަށް މިފަހަރު ވަޑައިގެންނެވީ 10 އަހަރު ފަހުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ހިއްސާކޮށް އާއްމުންގެ މީހުންނަށް ސަރުކާރުގެ އިސް ފަރާތްތަކާ ސުވާލު ކުރުމުގެ ފުރުސަތު ދިނުމުުގެ ގޮތުން ސަރުކާރުން ހިންގަމުން އަންނަ ސިލްސިލާ ޕްރޮގްރާމެއްކަމަށްވާ "އަހާ" ފޯރަމްގެ މިރޭގެ އިވެންޓްގެ ތެރެއިން އާއްމުންގެ މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިވެހިރާއްޖޭގެ ރަސްމީ ޙައްޖު ކޯޓާ ދިނުމުގެ ނިންމެވުމަކީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިދާ ނިންމަވާފައިވާ ނިންމުމެއް ކަމަށާއި ދިވެހިރާއްޖޭގެ ޙައްޖުގެ އިދާރި ނިޒާމް ހަރުދަނާކުރެއްވުމަށާއި، ޙައްޖާއި ޢުމްރާއަށް ދާ މީހުންނަށް ރަނގަޅު ޚިދުމަތެއް ދެއްވުމަށް ސަރުކާރުގެ ފަރާތުން މަސައްކަތްކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އިސްކުރައްވާކަމެއްކަމަށެވެ.

ޙައްޖު ކޯޕަރޭޝަން ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ދާދި ފަހަކުން މިނިސްޓަރު ޝަހީމް ވަނީ ސަޢުދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.

"10 އަހަރު ފަހުން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު ސައުދީއަށް މިދިޔައީ. ދިވެހި ރައްޔިތުންނަށް ޚިދުމަތެއް ލިބޭނެ މަގެއް ފަހިވޭތޭ. 10 އަހަރު ފަހުން. އެންމެ ފަހުންވެސް ދިޔައީ އަޅުގަނޑު. 2014 ވަނަ އަހަރު. އޭގެ ފަހުން ރަސްމީކޮށް ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު ސަޢުދީ އަރަބިއްޔާ އަށް ގޮސްފައި ނުވޭ. މިއީ ވަރަށް ދެރަކަމެއް. ދިވެހި ރައްޔިތުންނަށް އެންމެ އަސާސީ ދީނީ ޚިދުމަތް ފޯރުކޯށްދޭ ދީނީ ދަޢުލަތަކީ ސައުދީ އަރަބިއްޔާ، ޙައްޖާއި ޢުމްރާގެ ޚިދުމަތް" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އެންމެ ގިނަ މިސްކިތްތައް އަޅުއްވަން ޚަރަދު ކުރާ ޤައުމަކީ ސައުދީ އަރަބިއްޔާކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެހެންކަމުން މި ދާއިރާގެ ކަންތައްތައް ރަނގަޅުކޮށް ކަންކަމުގެ ޙައްލޯ ހޯދުމަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ހިންގުންތެރި ބޭފުޅަކު ސައުދީ އަރަބިއްޔާއަށް އަބަދުވެސް ވަޑައިގަންނަވަން ޖެހޭކަމަށެވެ.

މީގެ އިތުރުން، ޝަހީމުގެ ވާހަކަފުޅު ވަނީ އެމަނިކުފާނު ސައުދީއަށް ކުރެއްވި ދަތުރުފުޅުން ހާސިލް ކުރެވުނު ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން, އަރަފާތު ބިމުގަޔާއި މިނާގައި ދިވެހި ރައްޔިތުން ގޮސް ތިބޭ ތަންތަނަކީ ރަނގަޅު ތަންތަންކަމަށް ހެދުމަށާއި ދިވެހިންނަށް ލިބޭ ޚިދުމަތްތައް ރަނގަޅު ގޮތަކަށް ހަމަޖެއްސުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންނެވި ކަމަށާއި، މިހާރު އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެކަންކަން ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހެޔޮ ބަދަލުތަކެއް މި ނިޒާމަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށާއި އެމަގުން މަސައްކަތްތައް ކުރެއްވުމަށް މިހާރު ފަށްޓަވާފައިވާކަމަށެވެ.

"އަހާ" ފޯރަމް އަކީ، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި އެކި އެކި މަސައްކަތްތަކާއި ރައްޔިތުންނާއި ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުގެ އެކި ވަޒީރުންނާއި ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުޞަތު އެރުވުމުގެ ގޮތުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްވަވާފައިވާ ޚާއްސަ ސިޔާސަތެއްގެ ދަށުން ބާއްވާ ޚާއްޞަ ފޯރަމެކެވެ. މިރޭ ކުރިއަށް ގެންގޮސްފައިވަނީ މި ސިލްސިލާ ޕްރޮގްރާމްގެ އެންމެ ފުރަތަމަ ފޯރަމެވެ.

މި ފޯރަމުގައި ސަރުކާރުގެ އެކި އިދާރާތަކުން 5 ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެއީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!