މަޖިލީހުގެ ގޯތި ތެެރެއަށް އެއްޗެހި އުކި މައްސަލަ ބަލައިދިނުމަށް އެދިއްޖެ
މިއަދު މެންދުރު ރައްޔިތުންގެ މަޖިލިސް ކައިރީގައި މުޒާހަރާކުރި ބައެއް ފަރާތްތަކުން މަޖިލީހުގެ ފާރަށް އަރައި، މަޖިލީހުގެ ގޯތިތެރެއަށް އެއްޗެހި އުކި މައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިއަދު މަޖިލިސް ކުރާގޭގެ ކުރިމަތީގައި މުޒާހަރާކޮށްފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލާ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނެވެ.
އެގޮތުން މިކަމަށް އިޝާރާތްކޮށް އީވާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެއާއި ގޯތިތެރެއާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އީވާގެ ބަޔާނުގައި ވަނީ އާދީއްތަ ދުވަހު މަޖިލިސްކުރާގެ ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިން މަޖިލިސްގޭގެ ވަށާފާރު މައްޗަށް އަރައި، ގޯތި ތެރެއަށް އެކި އެއްޗެހި އުކާފައިވާކަން ފާހަގަކުރައްވާފައެވެ.
އެހެން ކަމުން އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށްފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާބެހޭ ކޮމިޓީއަށް އީވާ ވަނީ މި މައްސަލަ ހުށަހަޅުއްވާފައެވެ.
މަޖިލީހުގެ ފާރަށް އަރައި، މަޖިލީހުގެ ގޯތިތެރެއަށް އެއްޗެހި އުކި މައްސަލަ ބަލައިދިނުމަށް އީވާ އެދިފައިވާއިރު، އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ މަޖިލީހުގެ މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
މަޖިލީހުގެ ތަޅުމާއި މަޖިލިސް ކުރާގޭ ކައިރީގައި މިއަދު ހަމަނުޖެހުން ހިންގާ އަޑުއުފުލާފައި ވަނީ މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން ކައިރިވެފައިވަނިކޮށް، 22 ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ނިންމުމާއި ގުޅިގެން، ވޯޓަށް އެހުނަ ނުދީ، ސަރުކާރަށް ތާއިދު ކުރާ މެމްބަރުން މަޖިލީސް ތަޅު އެޅުވުމާއި ގުޅިގެންނެވެ.