ޚަބަރު ސިޔާސީ

މަރުވެފައިވާ 225 މީހެއްގެ ނަން ވޯޓާސް ލިސްޓުގައި އޮތް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާޗު މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި މަރުވެފައިވާ 225 މީހެއްގެ ނަން އޮތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by MWSC

އީސީން މިކަން ހާމަކޮށް މިއަދު ވަނީ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނައި ބަދަލުތަކުގެ މައުލޫމާތު އާންމުކޮށްފައެވެ.

އެގޮތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނައި ބަދަލުތަކުގެ ތެރެއިން މަރުވެފައިވާ 225 މީހެއްގެ ނަން ވޯޓާސް ލިސްޓުން އުނިކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި ދާއިރާ ބަދަލުވެފައިވާ 380 މީހެއްގެ ނަން ހިމެނޭ ކަމަށާއި އެ ފަރާތްތައް ވޯޓާސް ލިސްޓުން އުނިކޮށްފައިވާ ކަމަށް އީސީން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ވޯޓާސް ލިސްޓުގައި ނަން ނެތިގެން ފަސް ފަރާތެއްގެ ނަން އިތުރުކޮށްފައިވާ ކަމަށާއި ރަޖިސްޓްރީއަށް ގެނައި ބަދަލުތަކުގެ ތެރެއިން ހަތަރު މީހަކު ވަނީ ވޯޓާސް ލިސްޓުން އުނިކޮށްފައި ކަމަށް އީސީން ހާމަކުރެއެވެ.

މީގެ އިތުރުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ނަން ބަދަލުވެފައިވަނީ އެންމެ ފަރާތެއްގެ ކަމަށް އީސީން ހާމަކުރެއެވެ.

ވޯޓާސް ލިސްޓަށް އަލަށް ގެނައި ބަދަލުތަކަކާއެކު މި ލިސްޓު އީސީގެ ވެބްސައިޓާއި ސަރުކާރުގެ ގެޒެޓު އަދި ސިޓީތަކާއި ކައުންސިލްތަކުން ވެސް ލިބެން ހުންނާނެ ކަމަށް އީސީން ހާމަކުރެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި ފެށޭ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ.

އީސީން ބުނީ ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށް ޝަކުވާ ހުށަހެޅެން ހުންނާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!