ހަމަލާތައް ދެނީ ސަރުކާރުގެ އިސްވެރިންނާ ކުށްކުރާ ގްރޫޕްތަކާ އޮންނަ ގުޅުމުގެ ސަބަބުން: އެމްޑީޕީ
ހަމަލާތައް ދެނީ ސަރުކާރުގެ އިސްވެރިންނާ ކުށްކުރާ ގްރޫޕްތަކާ އޮންނަ ގުޅުމުން ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީން މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް މަގުމަތިން މިއަދު ދިން ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ކުރާ ޖިނާއީ ކުށްތަކުގައި ޝަރުއީ ކޯޓުތަކުގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާކުރައްވާ އިސް ވަކީލެއް ކަމަށެވެ.
އަދި ރައީސް މުޢިއްޒުގެ ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކުރެވިފައިވަނިކޮށް ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވާ ކަމަށެވެ.
ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގައި މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރައީސް ޑރ މުއިއްޒަށް ގޮވާލަނީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލްއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ, ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި އެމަނިކުފާނަށް ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ރައީސް މުއިއްޒާއި ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.