ޚަބަރު

ގއ.ވިލިނގިލިން އިތުރު މީހަކު ހޯއްގަވާ ކެއްސުމަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހޯއްގަވާ ކެއްސުމުގެ އިތުރު ކޭސް އެއް ގއ ވިލނގިލިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެޗްޕީއޭއިން ވިދާޅުވީ ހޯއްގަވާ ކެއްސުމުގެ އިތުރު ކޭސް އެއް ފެނިފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހުކަމަށެވެ. އަދި ގއ. ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިއީ ގއ. ވިލިނގިލިން މިއަހަރުގެ މިހާތަނަށް ފެނުނު 5 ވަނަ ކޭހެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދެނެގަނެވިފައިވާ ކޮންޓެކްޓުންގެ ގޮތުގައި 177 މީހުން އެބަތިބިއެވެ. އަދި އަލާމާތްތައް ހުރި ކޮންޓެކްޓުންގެ އަދަދު 25 އަށް އަރައެވެ. އަލާމާތް ހުރެގެން ޓެސްޓް ކުރެވުނު އަދަދު 46 އަށް އަރާއިރު ހައި ރިސްކުންގެ ގޮތުގައި ދެ ކޮންޓެކްޓުން އެބަތިއްބެވެ.

ހޯއްގޮވާ ކެއްސުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާއްމު ރޯގާތަކުގައިވެސް ފެންނަ އަލާމަތްތަކެވެ. އަދި ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް ބަލި ޖެހިއްޖެނަމަ، ބަލީގެ މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!