ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ތާރީހު ނުދެކޭފަދަ ތެދުވެރި, ވަށާޖެހޭ ބަޔާނެއް: ޒަމީރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ތާރީހު ނުދެކޭފަދަ ތެދުވެރި ވަށާޖެހޭ ބަޔާނެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މިއަދު ރައީސް މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ މި ވަގުތުގެ އިގުތިސޯދީ، މާލީ އަދި އިޖުތިމާއީ ހާލަތު ރައްޔިތުންނަށް ތިލަކޮށްދެއްވާފައިވާ ކަމަށެވެ.
"އެ ރިޔާސީ ބަޔާނުގައި ސަރުކާރުގެ ވިސްނުމާއި ކުރަމުންދާ މަސައްކަތްތަކާއި ތަސައްވުރު ހާމަކޮށްދެއްވައި، އެ މަނިކުފާނު ކުރައްސައިދެއްވި ފާގަތި އަދި އުޖާލާ މުސްތަގުބަލުން، އަޅުގަނޑެކޭ އެއްފަދައިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެން ހިނގައްޖެ" ޒަމީރު ވިދާޅުވިއެެވެ.
މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ވަނީ ރިޔާސީ ބަޔާން އިއްވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެބޮޑު ވަޢުދުފުޅަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވަޢުދެވެ.
އަދި ޤައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު ހިފަހައްޓަވާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާއި ދިވެހި ޤައުމަށް އިސްކަން ދިނުން، ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތުކަމަށް ރައީސް ވިދާޅުވިއެވެ.