ކުރީގެ ސަރުކާރު ނިމުނު އިރު ރާއްޖޭގެ މާލިއްޔަތު އޮތީ "ދޮވެލާފައި" ކަމަށް އަބްދުއްރަހީމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އެއަތޮޅު ވޭމަންޑޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް މުޢިއްޒު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވިދާޅުވަމުން ދިޔައީ ވެރިކަމަކީ ޝަރަފެއް ނޫން ކަމަށާއި އެއީ ރައްޔިތުން ހަވާލުކުރާ އަމާނާތެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއައްޓަކައި ރައީސް ކެނޑިނޭޅި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށެެވެ.
އަދި ދިވެހިރާއްޖެ ސަލާމަތް ކުރުމަށްޓަކާ ދިވެހި ރައްޔިތުން ފެށި މަސައްކަތުގެ އަދި ނިމުނީ 50 އިންސައްތަ ކަމަށާއި އަދި ބާކީ 50 އިންސައްތަ އެބައޮތް ކަަމަށް އަދުރޭ ވިދާޅުވިއެވެ.
"ކިތަންމެ ރީއްޗަށް ސިމެންތި ޖަހާ, ރާނާ, ތަށިމުށި ޖަހާ ގެއަށް ވަނަސް ގޭގެ ފަރުނީޗަރު ނެތިއްޔާ ހަމަޖެހިލައިގެން އިނދެއެއް ނުލެވޭނެ. އަޅުގަނޑުމެންނަށް މިއޮތީ މި ފެންވަރުގެ ގެއެއް ރޭނިފަ. އެހެންނަމަވެސް ހަމަޖެހިލައިގެން އިނދެވޭކައް ނެތް, ފަރުނީޗަރެއް ނެތް, އޭސީއެއް ނެތް. އެ ހޯދަން އެބަ ޖެހޭ"
މި ސަރުކާރު ގާއިމްކުރީ ދިވެހި ރައްޔިތުން ބޭނުންވެގެން ކަމަށާއި ހުވާ ކުރެއްވި ދުވަހުން ފެށިގެން އެމަނިކުފާނު ގެންދަވަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރެއްވުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެކަން ޤަބޫލު ނުކުރެވޭ ބަޔަކުވެސް އެބަތިބި ކަމަށް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު އޮތީ ދަންނަވަން ދަތި ހާލަތެއްގައި ކަމަށާއި ރައީސް މުޢިއްޒު ހަވާލުވެ އެހެރީ ވަރަށް ދަތި ހާލަތެއްގައި އޮތް ރާއްޖެއަކާ ކަމަށެވެ.
"ނިމިގެން ދިޔަ ސަރުކާރު ނިމިގެން ދިޔައިރު ސަރުކާރޮ އޮތީ ދޮވެލާފަ. ދިވެހި ސަރުކާރުގެ ކުންފުނިތައް އޮތީ ބަނގުރޫޓުވެފަ. ދިވެހި ރާއްޖޭގެ މިނިވަންކަން އޮތީ އަތުނުޖެހޭ ހިސާބުގަ"
އެހެންނަމަވެސް ރައީސް މުޢިއްޒު އިއްވެވި ފުރަތަަމަ ތަގުތީރުންވެސް އެނގިގެން ދިޔައީ ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލް ދަމަހައްޓައިދޭނެކަން ކަމަށާއި ދިވެހީންގެ މައްޗަށް އެހެން ބައެއްގެ ބާރު ހިނގަން ފުރުސަތު ނުދެއްވާނެ ކަަމުގެ ޔަގީންކަން އެމަނިކުފާނު ދީފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.