ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިހާބަށް 11،000 މީހުން ރީ ރަޖިސްޓްރީކޮށްދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރީރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 11،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ރިރަޖިސްޓަރީކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު އެކްސްގައި އިއްޔެ ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނުން ދިން 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ރީރަޖިސްޓަރީ ކުރުމަށް 13378 މީހުން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރެއިން 11919 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި 1459 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ. ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ ޢަދަދު ހަމަވެފައިވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާ ކަމަށާއި މި އިންތިޚާބު ރޯދައިގެ ފަހުގެ ތާރީޚެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހެވެ. މި އިންތިޚާބުގައި 608 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!