ޚަބަރު

ނައިބް ރައީސް އެދިވަޑައިގެންނެވީ ބޭރުގައި ރާއްޖެ ތަމްސީލުކުރާއިރު ގައުމުގެ އަގު ހިފަހައްޓަން

އަލީ ސަމާޙް ، ދެން އޮންލައިން
ނައިބް ރައީސް، ސްކައުޓުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

ބޭރު ގައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާއިރު ގައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރާއްޖެއަކީ އެކުވެރި، އެއްބައިވަންތަ، އަހުވަންތަކަމުގެ ގުޅުންތަކުން ބަނދެވިފައިވާ ގައުމަކަށްވާއިރު، ސްކައުޓް ފަދަ ހަރަކާތްތަކަށް އިސްކަންދިނުމަކީ ނުހަނު މުހިންމުކަމެއް ކަމުގައއެވެ.

ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުން ގައުމު ފަހުރުވެރިވާފަދަ ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ. އަދި ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ގައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ޖަމްބޮރީ ތެރޭގައި ސްކައުޓުން ހަރަކާތްތެރިވާއިރުވެސް ރިވެތި އަހުލާގާއި، ސުލޫކުން ނަމޫނާ ދައްކައި، އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިހުތިރާމުކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ސްކައުޓް ޖޮމްބޮރީ ފަދަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ލީޑަރުން ކުރައްވާ މުހިންމު، އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެބޭފުޅުން ދިވެހި މުޖުތަމައު ހަރުދަނާކުރުމަށް ކުރައްވާ ހިދުމަތްތަކަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެއިން 242 ސްކައުޓުން ބައިވެރިވެއެވެ. މި ޖަމްބޮރީއަށް ލަންކާއަށް ޖަމާވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!