އައިޑީ ކާޑުގެ ހިދުމަތް ކައުންސިލުތަކުން ދެވޭތޯ މަސައްކަތްކުރާނަން: އާދަމް ޝަރީފް

އައިޑީ ކާޑުގެ ހިދުމަތްތައް ކައުންސިލުތަކުން ދިނުމުގެ މަސައްކަތްކުރައްވާނެ ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ކުޅުދުއްފުށި ސީޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ކައުންސިލާ ބައްދަލުކުރެއްވުމަށް ފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް، ގިިނަ ކަންކަން ހިއްސާކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހައުސިން ޔުނިޓުގެ މަސައްކަތް އަވަސް ކުރުން ފަދަ ރައްޔިތުންނާ ގުޅުންހުރި ފަދަ ކަންތައްތައް މޭޔަރު ހިއްސާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއް ކަމެއްގެ ގޮތުގައި އާތިފް ފާހަގަކުރެއްވި އެ ސިޓީގެ ކައުންސިލުން އައިޑީކާޑު ހެއްދޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ ކުޅުދުއްފުށީ ކައުންސިލުގެ އުއްމީދެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
''އެފަދަ ހިދުމަތްތައް (އައިޑީ ކާޑު ހެއްދުން) ސިޓީ ކައުންސިލުތަކުންނާއި އަތޮޅު ކައުންސިލުތަކުން ނުދޭންވީ ސަބަބެއް ނެތް. މިކަމަށް މަސައްކަތްކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުުރުފުޅުގައި އެ ސިޓީގައި އިމާރާތްކުރާ 400 ހައުސިން ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. އެ ފްލެޓުތައް އަވަހަށް ނިމޭނެކަމުގެ އިންތިޒާރުގައި 2000 އެއްހާ އާއިލާއެއް އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އާދަމް ޝަރީފް ގެންދަަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކައުންސިލުތަކާއި ބައްދަލުކުރައްވައި ހުރި ދަތިތައް އޮޅުންފިލުވަމުންނެވެ.