ހަކަތައިގެ މަގުޗާޓުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެ: ޠާރިޤު
ހަކަތައިގެ މަގުޗާޓުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޠާރިގް މިހެން ވިދާޅުވީ އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފު ހަަކަތަ ބޭނުން ކުރުން އިތުރު ކުރުމުގެ ސިޔާސަތުގެ ތެެރެއިން ހަކަތައިގެ މަގުޗާޓު މުރާޖަޢާ ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ހެނދުނު ބޭއްވި ވޯކްޝޮޕުގައި ވާހަަކަދައްކަވަމުންނެވެ.
އެގޮތުން މި ވޯކްޝޮޕު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޠާރިޤު ވިދާޅުވީ ހަކަތައިގެ މަގުޗާޓުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދީ ދާއިރާގެ އިޤްތިޞާދީ ހަރަކާތްތަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ރާއްޖެއަށް އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުންނާއި މާލީ އިދާރާތަކުން ލޯނާއި އަދި ހިލޭ އެހީތައް ހޯދައި ދިނުމުގައި އޭޑީބީ ކުރަނީ ތައުރީފު ހައްޤު މަސައްކަތްތަކެއް ކަން ޠާރިގު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން އޭޑީބީން ސޮވަރިން އިންވަސްޓްމަންޓްގެ ގޮތުގައި ޖުމްލަ 75.5 މިލިއަން ޑޮލަރު މޮބިލައިޒް ކުރިއިރު، އޭގެ ތެރެއިން 57 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ 18.5 މިލިއަން ޑޮލަރު ހޯދީ ލުއި ލޯނު ތަކުންނެވެ.
މި ވޯކްޝޮޕުގައި އޭޑީބީގެ ކަމާބެހޭ ތަޖުރިބާކާރުން ވަނީ ސާފު ހަކަތައަށް ބަދަލުވުމުގެ އަމާޒުތަކާއި ގޮންޖެހުންތަކާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތައް ސޯލާރައިޒް ކުރުމާއި، އިންކްލޫސިވިޓީއާއި އިޖުތިމާޢީ ފައިދާ ކުރިއެރުވުމުގެ އިސްތިރާޖްތައް ފަދަ މައުޟޫއުތަކަށް ވާހަަކަދައްކަވާފައެވެ.
ޕެރަލަލް ޑިސްކަޝަންތަކުގައި އިއާދަކުރުވަނިވި ހަކަތައިގެ ނިސްބަތް ބޮޑުކުރުމަށް ފުރުސަތުތައް ހޯދައިދިނުމާއި ޤައުމީ އަމާޒުތައް ހާސިލް ކުރުމަށް ޔުޓިލިޓީ ސްޓްރެޓެޖީތަކާއި އަދި ހަކަަތައިގެ ޚިދުމަތް ދިނުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހޯދޭނެ މަގުތައް ހޯދުމާއި ގުޅޭ ގޮތުންވެސް ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި ވާހަކަދެކެވުނެވެ.
މީގެ އިތުރުން ވޯކްޝޮޕްގެ ޕެނަލް ޑިސްކަޝަނެއްގައި ހަކަތައާބެހޭ މަޤުޞަދުތައް ހާސިލްކުރުމަށް ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލާފައެވެ.