ބޭރުގެ ދަރަނި ދައްކާ ސޮވެރިން ފަންޑުގައި ހުރި ޑޮލަރުކޮޅު މިިދިޔަ ސަރުކާރުން ވަނީ މާރުކޮށްލާފައި: ރައީސް

ބޭރުގެ ދަރަނި ދައްކާ ސޮވަރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ޑޮލަރުކޮޅު މިިދިޔަ ސަރުކާރުން ވަނީ މާރުކޮށްލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމަށް ރައީސް ކުރިއަށް ގެންދަވާ “އަހާ” ފޯރަމްގައި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ގެންނާނީ ކިހިނެއްތޯ ސުވާލުކުރެއްވުމުން އެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވަނީ މި ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްފައި ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ދަނީ އެސްޑީއެފްއަށް ފައިސާ ޖަމާކުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި އަނބުރާ ދެއްކުމަށާއި މި ފަންޑު ހިމާޔަތް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެެވެ.
"މި ފަންޑު ހިމާޔަތްކުރަން މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅާފައި"
ރާއްޖެއިން ބޭރުގެ ގައުމުތަކަށް އަދާކުރަން ޖެހޭ 120 ބިލިއަން ރުފިޔާގެ ދަރަނި މަޑު މަޑުން ދައްކަމުން އަންނަ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ނިމިދިޔަ ސަރުކާރުން ވަނީ އެކި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކި އޮފިސްތަކަށް ރައްޔިތުން ކޮށްދީފައިވާ މަސައްކަތަކާއި ގުޅިގެން ރައްޔިތުންނަށް ދައްކަން ޖެހޭ 9،000 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށެވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭގެ އިގްތިސާދާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައިއެވެ. ނަމަވެސް ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް އެތައް މަސަކަތެއް ކުރެވެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ފައިސާގެ އަގު އިތުރަށް ދަށް ވިޔަ ނުދިނުމަށް ސަރުކާރުން ވަނީ ފައިސާ ޗާޕު ކުރުން ހުއްޓާލާފައެވެ.
އަދި ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ދަނީ އާމްދަނީ ލިބޭނެ ދާއިރާތައް ފުޅާކުރަމުންނެވެ.