ޚަބަރު

މެޖޯރިޓީ ނުލިބިއްޖެއްޔާ މީޑިއާތައް ބަންދުކޮށްލާނެ: ސޯލިހު

އަލީ ސަމާޙް ، ދެން އޮންލައިން
ސޯލިހު ރޭ ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ނުލިބިއްޖެނަމަ މި ސަރުކާރުން މީީޑިއާތައް ބަންދުކޮށްލާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ކެމްޕޭނު ޖަލްސާގައި އެ ޕާޓީގެ އެޑްވައިޒަރު ކަމަށް ދާދި ފަހުން ހަމަޖައްސާފައިވާ ސޯލިހު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން މަސައްކަތް ފެށީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން ކަމަށެވެ.

ހަބަރުތައް ގެނެސްދޭ އެތައް ސައިޓެއް ބްލޮކުކުރި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އާންމުންގެ ފަރާތުން ކުރިމަތިކުރުވި ޕްރެޝަރާ ހެދި ސަރުކާރަށް ޖެހުނީ ސައިޓްތަކަށް އަލުން ވަދެވޭ ގޮތް އަންބްލޮކް ކުރަން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ މިޑީއާއެއްގެ ގޮތުގައި ރަޖިސްޓްރީނުކޮށް ހިންގަމުން އަންނަ ދިޔަވަރު.ކޮމް އާ ކުރުސީ.ކޮމް ވެބްސައިޓަށެވެ.

އެއަށް ފަހު މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ މިޑީއާގެ މިނިވަންކަން ދެމެހެއްޓޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ. އެހެންވެ ކުރިއަށްވުރެ ބޮޑަށް މެޖޯރިޓީގެ ބޭނުން އެ ޕާޓީއަށް މުހިއްމު ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ހުރިހާ މީޑިއާ އެއް، ވެބްސައިޓެއް ބަންދުކުރާނެ'' އެމަނިކުފާނު ވިދާޅުވިއެވެ.

އެ ދެ ވެބްސައިޓް ހިމެނޭހެން ދޮންއަމާ.ކޮމް ނަމަކަށް ކިޔާ ވެބްސައިޓުގެ މައްސަލަ މޯލްޑިވްސް މީޑީއާ ކައުންސިލުން ބަލަމުން އެބަދެއެވެ. އެ ވެބްސައިޓުތަކާއި ގުޅިގެން ގިނަ އަަދަދެއްގެ ޝަކުވާތައް ލިބެމުންދާ ކަމަށް އެމްއެމްސީން މި ފަހުން ނެރުނު ބަޔާނެއްގައިވެެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!