ސަރުކާރުން އުޅެނީ ކައުންސިލުތަކަށް ދިން ބާރު ކަނޑުވާލަން: އެމްޑީޕީ
ކައުންސިލްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށްޓަކައި މި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކައުންސިލުތަކުގެ ބާރުކަނޑުވާލި ކަމަށް އެމްޑީޕީން ބުނެފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް އިޝާރާތްކޮށެވެ.
ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ބާތިލުކޮށް މާދަމާ މެންދުރު ދޭއްގެ ކުރިން އެކަން އެންގުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެލްޖީއޭ އިން ވަނީ އެ ކައުންސިލަށް ސީޓީއެއް މެދުވެރިކޮށް އަންގާފައެވެ.
އެލްޖީއޭއިން އެންގި އެންގުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފައްދަވާކަމަށް އިއުލާނުކުރުމާ ހިސާބުންވެސް އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
''ރައީސް ޑރ. މުއިއްޒުގެ އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވާ އެ ކައުންސިލްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށްޓަކައި ކުރެއްވި ކަމެއްގެ ގޮތުގައެވެ'' މި ސަރުކާރުން އަލަށް އުފެއްދި ސިޓީސް, ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓްރީއަށް އިޝާރާތްކޮށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމަށް އެންގުމާއި ކައުންސިލްތަކުން ނިންމާ ނިންމުންތަކާމެދު ބިރުދެއްކުމުގެ ނިޔަތުގައި ލޯކަލް ގަވަންމަންޓް އޮތޯރިޓީ މެދުވެރިކޮށް ސުވާލުކުރުމަކީ އަލުން އަނެއްކާވެސް 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ރައްޔިތުންގެ އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް, ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު ރައީސް މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތު އިއާދަކުރުމަށް ކުރަމުންދާ ކަމެއްކަމަށް ދެކޭ އެމްޑީޕީން ބުންޏެވެ.
''ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލަނީ “އެޓޯލްސް” މިނިސްޓްރީ މެދުވެރިކޮށް ބިރު ދެއްކުން ހުއްޓާލާ އަދި “އެޓޯލްސް” މިނިސްޓްރީ އުވާލުމަށެވެ'' އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުންޏެވެ.