ޚަބަރު

ފުލްމެރެތަންގެ ގައުމީ ރެކޯޑް ޔޫސުފް މުގުރައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިިއަދުގެ ރޭސް ނިންމުމަށް ފަހު ޔޫސުފް ، އޭނާގެ ކޯޗް ނަސްރުއާ އެކު

ފުލްމެރެތަންގެ ގައުމީ ރެކޯޑް ، އައިލެންޑް ރަނަރސް އޮފް މޯލްޑިވްސްގެ ޔޫސުފް އިބްރާހީމް މުގުރައިލައިފިއެވެ.

Ads by Hajj Corporation

ގައުމީ ހާފް މެރަތަންގެ ވެސް ރެކޯޑް އޮންނަ ޔޫސުފް ، ފުލް މެރެތަންގެ ރެކޯޑް މުގުރައިލީ ތުރުކީގެ އަނަޓާލިއާގައި މިއަދު އޮތް ރަނަޓާލިއާ 2024 ރޭހުގައެވެ. ޔޫސުފް ރޭސް ނިންމައިފައި ވަނީ 2 ގަޑިއިރާއި 29 މިނެޓް، 48 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން މި ރެކޯޑް އޮންނަނީ އައިލެންޑް ރަނަރސްގެ އެހެން އެތުލީޓެއްކަމަށްވާ މުޙައްމަދު ޝިފާޒްގެ އަތުގައެވެ. އޭނާގެ ޓައިމިންއަކީ 2 ގަޑިއިރާއި 32 މިނެޓް، 56 ސިކުންތެވެ.

ައަނަޓޯލިއާގައި ދުވި އައިލެންޑް ރަނަރސްގެ ޓީމް ، ތުރުކީގައި

ޔޫސުފް ވަނީ މިއަދުގެ ރޭހުގައި ފުލްމެރެތަންގެ ކެޓަގަރީން ދެވަނަ ހޯދައިފައެވެ. ފުލް މެރެތަންގައި ދުނިޔޭގެ އެކި ގައުމުތަކުން 300އަށް ވުރެ ގިނަ އެތުލީޓުން މިއަދުގެ ރޭހުގައި ދުވެފައި ވެއެވެ.

ޔޫސުފްގެ ރެކޯޑާ ގުޅޭ ގޮތުން ‘’ދެން’’އާ ވާހަކަ ދައްކަމުން ކޯޗް ނަސްރު ބުނުއްވީ ރެކޯޑާ މެދު އުފާވާ ކަމަށާއި ޔޫސުފް މިހާރު ހުރި ލެވެލްއަށް ބަލާއިރު ފަސޭހަ ރޫޓެއްގައި އަދި މިއަދު ނެރުނު ޓައިމިންއަށް ވުރެ ރަނގަޅު ޓައިމިންއެއް ނެރެވޭނެކަމުގެ ޔަގީންކަން ވެސް އެބައޮތްކަމަށެވެ.މީގެ އިތުރުން ސަރަހައްދީ އެތުލީޓުންނާ ވާދަކުރުމަށް އަދި އިތުރު ކުރިއެރުން ހޯދޭނޭކަމަށް ވެސް ކޯޗް ފާހަގަކުރެއްވިއެވެ.

‘’ސަރަހައްދުގެ ޓައިމިން މި އުޅެނީ 2:15 ހިސާބުގައި، އެހެންވީމާ ސަރަހައްދުގައި ވާދަކުރަންޏާ އެބަޖެހޭ ވަރަށް ބޮޑުތަނުން ރަނގަޅުކުރަން، އަޅުގަނޑަށް ޔަގީންކަން އެބައޮތް މި ފަސްގަނޑުގައި ތިބެގެން ބޭރު ކޯޗުންނާ ނުލާ ވެސް މިކަން ކާމިޔާބުކުރެވޭނީ، ބޭނުންވަނީ އެންމެންގެ އެހީތެރިކަން’’ކޯޗް ވިދާޅުވިއެވެ.

ރަނަޓޯލިއާ ރޭހަކީ ދިވެހީންގެ މެދުގައި މަގުބޫލް ރޭހެކެވެ. މިއަހަރުގެ ރޭހުގައި ވެސް ގިނަ އަދަދެއްގެ ދިވެހި އެތުލީޓުން ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން އައިލެންޑް ރަނަރސްގެ ގިނަ އެތުލީޓުން ވަނީ ރަނގަޅު ޓައިމިންތަކެއްގައި ރޭސް ނިންމައި އެ މީހުންގެ އަމިއްލަ ރެކޯޑްތައް އައުކޮށްފައެވެ.

Ads by Ooredoo
  1. މަރުހަބާ