ކޭޝްފްލޯއަށް ދަތިނުވާނެހެން ރޯދަ އިނާޔަތްދޭން ސަރުކާރު ކުންފުނިތަކަށް އަންގައިފި

ދައުލަތުގެ ކޭޝް ފްލޯއަށް ދަތިނުވާގޮތަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވާގޮތުގައި ވަޒީފާގެ ގާނޫނުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ މުސްލިމް މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭނެއެވެ.
އަދި އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި، ހަމައެކަނި އެ މުވައްޒަފެއް އަސާސީ ގޮތުން ވަޒީފާ އަދާކުރާ ތަނުން އެލަވަންސް ދިނުމަށާއި، އިތުރަށް އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް ޕީސީބީގެ ސާކިއުލާގައި ވަނީ ބުނެފައިއެވެ.
މި އެލަވަންސް ލިބޭ މުވައްޒަފުންގެ ތެރޭގައި "ނޯ ޕޭ" އަދި "ޕޭ" ލީވު ގައި ތިބި އެއްވެސް މުވައްޒަފެއް ނުހިމެނޭ ކަމަށްވެސް ޕީސީބީން ބުންޏެވެ. އަދި ލީވްގައި ހުރުމަށް ފަހު ނުވަތަ އަލަށް ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ރޯދަމަހުގެ ފުރަތަމަ ދުވަސް ދޫކޮށް ދެވަނަ ދުވަހު ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް މަސައްކަތް ކުރި ދުވަސްތަކަށް ބެލުމަށް ފަހު ރޯދަ އެލަވަންސް ދިނުމަށްވެސް އެ ސާކިއުލާގައި ވަނީ ބަޔާންކޮށްފައިއެވެ.
މީގެއިތުރުން، ރޯދަ އިނާޔަތުގެ ގޮތުގައި ކުންފުންޏެއްގެ މުވައްޒަފަކަށް ސާކިއުލާގައިވާ އަދަދަށް ވުރެން އިތުރަށް ނުވަތަ މަދުން ފައިސާ ދީފައިވާނަމަ މި މަހުގެ މުސާރަ ދޭއިރު އެބައި އެޖަސްޓުކޮށް އެ އަދަދު އެ މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށްވެސް މި ސާކިއުލާގައިވެއެވެ.
ރޯދަ އިނާޔަތަކީ ބިދުއައެއް. ވަރަށް ޑިސްކްރިމިނޭޓަރީ ގޮތަކަށް އޮތް އެއްޗެއް. ނުދޭތި. ނުހިފާތި.