ޚަބަރު ސިޔާސީ

ކުޑަހުވަދޫގައި މަސް ފެކްޓްރީއެއް ޤާއިމުކޮށްދިނުމަށް އެދިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދ. ކުޑަހުވަދޫގައި މަސްފެކްޓްރީއެއް ޤާއިމުކޮށްދިނުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

Ads by Sosun Fihaara

ކުޑަހުވަދޫ ކައުންސިލުން މިކަން ހާމަކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށް ތަރައްޤީކުރުމަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކުޑަހުވަދޫގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި، ރައްޔިތުން ބަނދަރު މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާގޮތްތައް ތަފުޞީލީ ގޮތެއްގައި ރައީސްއާ ހިއްޞާކުރެއްވިއެވެ.

ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ، ކަރަންޓުފަދަ އަސާސީ ޚިދުމަތްތައް އަވަސް މުސްތަޤްބަލެއްގައި ލިބޭނެ ގޮތް މަގުފަހިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ރަށުގައި ހައުސިންގ ޔުނިޓްތައް އިތުރުކޮށްދެއްވުމަށާއި، ވީހާވެސް އަވަހަކަށް މަސް ފެކްޓްރީއެއް ޤާއިމުކޮށްދެއްވުމަށާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، އަދި ރަށުން ލިބޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ކުޑަހުވަދޫއިން ކުރިން ދެމުންދިޔަ އައި.ޑީ ކާޑު ޚިދުމަތް އަލުން ރަށުން ލިބޭނެ ގޮތް ހައްދަވާ ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރު މުވައްސަސާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!