ހަރުފަތް ރިޕޯޓް

ޝުނާނާގެ ހަރުފަތް: އާންމު މީހާގެ ގާނޫނީ ހިދުމަތް އިސްކުރި ނަމޫނާ

އަލީ ސަމާޙް ، ދެން އޮންލައިން
މަރިޔަމް ޝުނާނާ/ ފޮޓޯ: ދެން

ބަންޑާރަ ނައިބު އޮފީހުގައި މަސައްކަތް ކުރަން ފެށި ދުވަހުން ފެށިގެން، އަބަދުވެސް އޭނައަށް ފެނި ތަޖުރިބާ ކުރި ކަމަކީ އެއީ އެވެ. އެއިރު އެއީ ވަކީލެއް ވެސް ނޫނެވެ. އެކަމަކު ފެނުނީ ގާނޫނީ ހިދުމަތަށް ބޭނުންވެފައި، އެކަމަކު އެ ކަމަށް ހޭދަ ކުރެވެން ނެތް އެތައް އާންމު މީހެއްގެ އިހުސާސެވެ. އިވުނީ އެ އާދޭހުގެ އަޑެވެ.

Ads by Sosun Fihaara

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އަކީ ޝުނާނާގެ ލީޑާޝިޕްގައި މިއަދު އެ ހިދުމަތް ފޯރުކޮށްދޭ، އާންމު މީހާއަށް ޓަކައި އޮންނަ ޖަމިއްޔާއެކެވެ. ޝުނާނާއާއި އޭނާގެ ލީގަލް ޓީމު އެ ކުރި މަސައްކަތުގެ ނަތީޖާއަކީ މި ޖަމިއްޔާ އެވެ.

މި ހިސާބަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. މި ވަގުތު ތިބި ހިސާބުން ވެސް ކުރަން ހުރި މަސައްކަތްތައް ވެސް މަދެއް ނޫނެވެ. އުފުލަން ހުރި ތަކުލީފުތައް ވަކި ކުޑައެއް ނޫނެވެ. ވަކީލު ޝުނާނާގެ ގާނޫނީ ހަޔާތުގެ ހަރުފަތް ބިނާކުރީ އެތައް ގޮންޖެހުމަކަށް ފަހު އެވެ.

މިއަދު އެއީ އެތައް ޖީލަކަށް ނަމޫނާ އެކެވެ. ހިތްވަރު އެލުވައިނުލައި މަސައްކަތް ކޮށްފިނަމަ ތަސައްވުރުކުރާ ކަމެއް ހާސިލްވެދާނެ ކަމުގެ ހެއްކެކެވެ.

"އާންމު މަސްލަހަތާ ގުޅޭ ބައެއް މައްސަލަތަކަށް ގާނޫނީ ހައްލެއް ނުލިބި ވަރަށް ގިނަ އާންމު ރައްޔިތުން ފްރަސްޓްރޭޓްވެގެން އަންނަ ތަން ފެނުނު، ގަނޫނީ ވަކީލަކަށް އެފޯޑް ނުކުރެވޭ އިރު، ގާނޫނީ ލަފާ ހޯދެން ނެތިގެން އެ މީހުން ތިބެނީ އެއްވެސް ކަހަލަ ފަރުވާއެއް ނުލިބި، އިންސާފެއް ނުލިބި،" ޝުނާނާ ވިދާޅުވި އެވެ.

ދެހާސްނަވާރަވަނަ އަހަރާ ހަމައަށް އައި އިރު، ގިނަ ބަޔެއްގެ އިންސާނީ ހައްގުތައް ކަށަވަރު ނުވެ އެތައް މައްސަލައެއް ފުނި ޖެހިފައި އޮތެވެ. އެއްވެސް އިންސާފެއް ނެތި ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއަށް ގެނެސް މަސައްކަތް ކުރުވާފައިވާ ބިދޭސީންނަށް އުޖޫރަ ނުދީ އޮތުމާއި، އިހުމާލުގެ އެތައް މައްސަލައެކެވެ.

"ދެން އަޅުގަނޑާއި އަޅުގަނޑާއެކު އޭރު މަސައްކަތް ކުރި ޓީމަށް ފެނުނީ މިއީ އެންމެ ރަނގަޅު ވަގުތޭ، އެއީ އެ ދަނޑިވަޅުގައި ވަރަށް ގިނަ ރައްޔިތުންގެ އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލިގެން ދިޔަ އެ ދުވަސްވަރު، ދެން މި ޖަމިއްޔާ އެބަ ޖެހެޔޭ ވުޖޫދު ކުރަން،" ޝުނާނާ ކިޔައިދެއްވި އެވެ.

ހިތާ ގުޅިގެން ދިޔަ އެތައް މައްސަލައެއް

މިދިޔަ ގާތްގަނޑަކަށް ފަސް އަހަރު ދުވަހުން، އެ ޖަމިއްޔާއިން ގިނަ މަސައްކަތްތަކެއް ކޮށްފި އެވެ ތިންހާހަށް ވުރެ ގިނަ މީހުންނަށް ގާނޫނީ އެހީތެރިކަމުގެ ހިދުމަތް ވަނީ ދީފަ އެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، ގިނަ އަދަދެއްގެ މީހުންގެ ހައްގުތައް "ގަނޑުކޮށް" ގެއްލިފައިވާ އެކި މައްސަލަތަކާ ހަވާލުވެ ކާމިޔާބުތަކެއް ހޯދުމެވެ. އުމުރު ދުވަހު އެއްކުރި ފައިސާއިން ފްލެޓް ގަންނަން ހަރަދުކޮށް، ފްލެޓް ނުލިބުމުގެ އުދާހުގައި ތިބި އެތައް ބަޔަކަށް ތަސައްލީއެއް ލިބެނީ މި ޖަމިއްޔާ އޮތުމުންނެވެ.

"ކްލާސް އެކްޝަންގެ މަސައްކަތް ވެސް ކުރެވިއްޖެ، 300 މީހުން ހިމެނޭ މައްސަލައެއް އޮވެދާނެ، 300 މީހުންނަށް އެ ކޭސް ވިން ވެސް ވެދާނެ،  އެއީ ވެސް ހިތްހަމަޖެހުމެއް ވަރަށް ބޮޑު. އެތައް ބަޔެއްގެ ހައްގު ހިމެނޭ ކަމެއްގައި އެ އެންމެންނަށް އިންސާފު ލިބުން،" ޝުނާނާ ފާހަގަ ކުރެއްވި އެވެ.

އެހެންވިޔަސް ޝުނާނާގެ ހިތާ އެންމެ ގުޅިގެންދާ މައްސަލަތަކަކީ އެންމެ ނިކަމެތި މީހާއަށް ލިބޭ އިންސާފަށެވެ. އެއީ ވެސް ފަހަރުގައި ގިނަ ބަޔަކު ހިމެނޭ މައްސަލައެއްގައި، ލިބޭ ކާމިޔާބީއަކަށް ވެސް ވެދާނެ އެވެ. އެންމެ މީހަކަށް ލިބޭ ނޫނީ ލިބުނު އަނިޔާއެއްގައި، އިންސާފެއް ދެވުމުގެ ހިތްހަމަޖެހުން ވެސް އެބަ އޮތެވެ.

"އަޅުގަނޑަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ވަރަށް ސެންސިޓިވް ކޭސަސް ތަކުގައި، މިސާލަކަށް ބުނަންޏާ އެންމެ ނިކަމެތި މީހާއަށް އިންސާފު ލިބޭ ވަގުތު އެ ލިބޭ ހިތްހަމަޖެހުން، އެ މީހާގެ މުޅި ލައިފްއަށް އަސަރެއް ގެނެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ގާނޫނީ ހިދުމަތުގެ ދާއިރާއިން އެވޯޑުތައް ވެސް ހާސިލްކޮށްފައިވާ ޝުނާނާގެ ހަރުފަތް ބިނާކޮށް ކުރިއަށް އެރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ވަރަށް ހައްސާސް މައްސަލަތަކަށެވެ. ހާއްސަކޮށް ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށާއި އެ ކުދިންނަށް އިންސާފު ހޯދުމަށެވެ.

"އެފަދަ މައްސަލަތަކުގައި އަޅުގަނޑުމެން ބަލާ އުސޫލުތައް ވެސް އަދި މިންގަނޑުތައް ވެސް ވަރަށް ތަފާތު ވާނެ. ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭނީ ވެސް، އެއީ ކުއްޖާގެ މައިންބަފައިންނަށް އިންސާފު ހޯދައިދިނުމަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.

ތޮއްޖެހިފައިވާ "ފުރަމާލެ" ގައި ފަރުވާކުޑަކޮށް، ސަލާމަތީ އެއްވެސް ކަމެއް ނުބަލަހައްޓައި އިމާރާތް ކުރުމުގެ މަސައްކަތް ގެންދަނިކޮށް ނިޔާވި ބަންގްލަދޭޝްގެ ރައުޝަން ޖިއާންގެ މައްސަލައަކީ، ޝުނާނާ ވެސް ގަބޫލު ކުރައްވާ ގޮތުގައި، އޭނާ ހަވާލުވި އެންމެ ބޮޑު މައްސަލަ އެވެ.

ރާއްޖޭގައި އުޅެމުން އައި އާންމު ފަންތީގެ ބިދޭސީ އާއިލާއަކަށް އިންސާފު ހޯދައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޝުނާނާއަށް އެ ކަންވީ، އިންސާނަކަށްވީތީ އިހުސާސްކުރަން ޖެހުނު އެތައް ހިތްދަތިކަމާއި ޖަޒުބާތުތައް ވެސް އެއްކިބާކޮށްފައި، ކުރަން މަޖުބޫރުވި ކަމަކަށެވެ.

"އާންމު ގޮތެއްގައި، ކުޑަކުއްޖާގެ މުޅި ހަޔާތް އެބަ ޖެހޭ ބަލަން. ފުރަތަމަ އުފަންވީއްސުރެން ހަޔާތް އެއްކޮށް ބަލައި އަދި ހާދިސާ ހިނގި ގޮތް އެއްކޮށް ބަލައިފަ، ވަކީލަކަށް ވިޔަސް، އިންސާނަކަށް ވީތީ އުނދަގޫތަކެއް އެބަ ވޭ،" ވަރަށް އަސަރާއެކު ޝުނާނާ ވާހަކަ ދެއްކެވި އެވެ.

ބަންޑާރަ ނައިބު އޮފީހުގައި، ދައުލަތް ތަމްސީލް ކުރެއްވި ވަކީލެއްގެ ވެސް ހައިސިއްޔަތުން މި ކަމުގައި ޝުނާނާއަށް އެންމެ ބޮޑަށް ހިތްދަތިވާ އަނެއް ކަމަކީ ދައުލަތާ ދެކޮޅަށް މަސައްކަތް ކުރަން ޖެހުމެވެ. ދައުލަތުން އިސްވެ އިންސާފުގެ ނަޒަރިއްޔާ އިސްކުރުމުގެ ބަދަލުގައި މުއައްސަސާ ދިފާއު ކުރަން އުޅޭ މަންޒަރަކީ، އޭނާގެ ހިތުގައި އޮތް އެންމެ ބޮޑު އެއް ޝަކުވާ ކަން ވާހަކަތަކުން އެނގުނެވެ.

"ދައުލަތާ ދެކޮޅަށް ވެސް މި ބާވަތުގެ މައްސަލަތައް ހުށަހެޅޭ، ދައުލަތުން ހިންގާ ހޮސްޕިޓަލުތަކުން ސިއްހީ އިހުމާލުވެގެން މި ބާވަތުގެ މައްސަލަތައް ހުށަހަޅަން އެބަ ޖެހޭ،"

ބުރަ ބޮޑު، އެތައް ތަކުލީފެއް ހުރި މަސައްކަތެއް

ގާނޫނީ އެހީތެރިކަމަށް ބޭނުންވެފައިވާ އާންމު މީހާއަށް އެ ހިދުމަތް ގެންނަން ޖެހޭ ކަން، އަދި އެ ކަން ކުރަން ޖަމިއްޔާއެއް އޮންނަން ޖެހޭ ކަން އެއީ ޝުނާނާއި އޭނާގެ އެކުވެރި ވަކީލުންނަށް އެއްބަސްވެވުނު ކަމެކެވެ. އެކަމަކު ކުރިމަތީގައި އޮތް ގޮންޖެހުންތަކަކީ، ހީކުރި ވަރަށް ވުރެ، އަންދާޒާކޮށްލި ވަރަށް ވުރެ ދުރު ކަމެކެވެ.

ގާނޫނީ ހިދުމަތަކީ، އޭގެ ޒާތުގައި ވެސް، ބުރަ މަސައްކަތެކެވެ. ގާނޫނީ އޮނިގަނޑުތަކެއްގެ ތެރެއިން އުސޫލީ ކަންކަން އަދިވެސް ހަމަޖެއްސިފައި ނުވާ ރާއްޖޭގައި އެއީ އަދި މާ ބުރަ ކަމެކެވެ. ޝުނާނާއާއި އޭނާގެ ޓީމު، މައްސަލައެއް ހުށަހަޅަން ތައްޔާރުވާ އިރު ވެސް ކުރިމަތިވާ އެންމެ ބޮޑު ތުރާލަކީ ނަމޫނާއެއް ނެތުމެވެ.

"ރާއްޖެ ފަދަ ގައުމެއްގައި އިހުމާލުގެ މައްސަލަތައް ކޯޓަށް ހުށަހެޅިފަ ހުރި ވަރު ވަރަށް މަދު، އާ މަދަނީ އިޖުރާއަތަށް ފަހު، ފުރަތަމަ ތަޖުރިބާ ކުރެވިގެންދާ މައްސަލަތަކަކީ ވެސް މިއީ، ކޭސް ސްޓަޑީއަކަށް ރާއްޖެއިން ބަލާނެ އެއްޗެއް ނެތް، ގާނޫނެއް ނެތް ތާގަ ކޯޓުގެ ނިންމުމެއް ވެސް އަދި ނޯންނާނެތާ،"

އިހުމާލުގެ މައްސަލައެއްގައި، އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ ނަފުސާނީ ގެއްލުމުގެ ބަދަލު ހޯދަން އެދުމެވެ. އެ ކަމަށް ބޭނުންވާ ނަފުސާނީ ހާލަތުގެ ސިއްހީ ލިޔެކިޔުންތައް ހޯދުމާއި އެ ހާލަތު ދެނެގަތުމަށް ޓަކައި، ރާއްޖޭގައި އޭގެ ތަޖުރިބާކާރުން ވެސް މަދުވުމުގެ ސަބަބުން ކުރިމަތިވާ އުނދަގުލެވެ.

"ނަފުސާނީ ގެއްލުމުގެ ބަދަލު ހޯދުމަށް ޓަކައި އެބަ ޖެހޭ ސައިކްރޭޓިކް އިވެލުއޭޝަންއަކާއި ސައިކޮލޮޖިކަލް އިވެއުލޭޝަންއެއް ހަދަން، މިފަދަ އެސެސްޓްމަންތައް ހަދަން ރާއްޖޭގެ މާހައުލުގައި ވަރަށް ބޮޑު ތަކުލީފަކަށްވޭ، ހަދައިދޭ ފަރާތްތައް ވެސް މަދު،" ގޮންޖެހުންތަކުގެ ތަފްސީލްތައް ދެއްވަމުން އޭނާ ވިދާޅުވި އެވެ.

އަނެއް ތަކުލީފަކީ، ބައެއް ފަހަރު، ދިރާސާއަކަށް ވުރެ ބޮޑަށް ހިންގަން ޖެހެނީ ތަހުގީގެކެވެ. މިފަދަ މައްސަލަތަކުގައި ޖިނާއީ އުންސުރު ވެސް ހިމެނޭތީވެ، ޖިނާއީ ތަހުގީގުގެ ރިޕޯޓް ވެސް ވަރަށް މުހިންމު އެބަ ވެ އެވެ. އެ ރިޕޯޓް ނެތި، މައްސަލަ ހުށަހަޅަން ވެސް ދަތިތަކެއް އެބަ ހުރެ އެވެ.

"ޖިނާއީ މައްސަލައެއްގައި ޝަރީއަތަށް ގޮސް އަޑުއެހުންތައް އަޑުއަހައި، ޕްރޮސެކިއުޓަ ޖެނެރަލްއާ ބައްދަލުކޮށް މޯލްޑިވްސް ޕޮލިސް ސާވިސްއާ ބައްދަލުކޮށް ހެއްކާއި ގަރީނާ ހޯދަން. ކަން ހިނގައިދިޔަ ގޮތް އަހަރުމެން ވެސް ޖެހެނީ ހޯދަން. އެއީ ދެން ވަރަށް ބޮޑު ތަކުލީފެއް،" ޝުނާނާ ތަފްސީލްކޮށްދެއްވި އެވެ.

"އިހުމާލުގެ ގާނޫނެއް ވެސް ނެތީ ރާއްޖޭގައި، އެހެންވީމަ ހުށަހަޅަން ޖެހެނީ ޑިމޮކްރެޓިކް އެހެން މުޖުތަމައުތަކުގައި އޮންނަ އުސޫލުތައް،"

މި ހުރިހާ ކަމެއް މި ގޮތަށް އޮތް އިރު، މުޅި ޖަމިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އެތައް ގޮންޖެހުމެއް އެބަ ހުއްޓެވެ. ހާއްސަކޮށް މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޖަމިއްޔާ ހިންގުމަށާއި، އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން ޖަމިއްޔާ އުފެއްދި އިރުގައި އަޅުގަނޑުމެންނަކަށް އިހުސާސެއް ނުކުރެވޭ ކިހައިވަރެއްގެ މަސައްކަތެއް ކަން މި ނެގެނީ،"

"ވަރަށް ގިނަ އާންމު ރައްޔިތުން ބޭނުންވެފަ ހުރި ހިދުމަތެއް މި ހިދުމަތަކީ، އެހެންވީމަ ވަރަށް ގިނަ ލޯޔަރުން ވެސް ބޭނުން ވާނެ، ވަރަށް ގިނަ މުވައްޒަފުން ވެސް ބޭނުން ވާނެ، ޖަމިއްޔާގެ ބޯޑު މެންބަރުން އަމިއްލައަށް ޖަމިއްޔާއަށް ފައިނޭންސްއަށް ކޮންޓްރިބިއުޓް ކުރަމުން މި ކަން މި ކުރީ ފުރަތަމަ،" އޭނާ ވިދާޅުވި އެވެ.

ޖަމިއްޔާގެ ބޯޑު މެންބަރުން އަމިއްލައަށް ޖަމިއްޔާއަށް ކޮންޓްރިބިއުޓް ކުރުމުގެ އިތުރުން ދެން ޝުނާނާގެ ލޯފާމްއިން ލިބޭ އާމްދަނީން ވެސް ކޮންމެ ވެސް ވަރަކަށް ޖަމިއްޔާ ހިންގުމަށް ބޭނުން ކުރަން ފެށި އެވެ. އަދި، އިންޓަނޭޝަނަލް އޮގަނައިޒޭޝަންތަކަށް ޕްރޮޖެކްޓްސްއަށް އެޕްލައިކޮށްގެން ހިފަހައްޓައިލެވުނެވެ.

ވަސީލަތްތަކުގެ ވާހަކައަށް ޖެހިލާއިރު އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތެވެ. ހިލޭ ގާނޫނީ ހިދުމަތް ދިނުމަކީ، އާމްދަނީއެއް ލިބޭނެ ކަމެއް ނޫނެވެ. އެހެންވެ ރަނގަޅު ފެންވަރުގެ ވަކީލުން ނުލިބުމުގެ ތާށިކަން އަބަދުވެސް އިހުސާސް ކުރަން ޖެހެ އެވެ.

"އަލަށް ނުކުންނަ ކުއްޖަކު އައިސްދާނެ، ޓްރެއިންވީމަ އެ ކުއްޖާ ބޭނުން ވެދާނެ ދާން، މުސާރަ ރަނގަޅު ތަނަކަށް. ދެން އަންޑަސްޓޭންޑްވޭ އެ ކަންތައް ވެސް،" ޝުނާނާ ވިދާޅުވި އެވެ.

ޖަމިއްޔާގައި މަސައްކަތްކުރުމަށް ފަހު، އެހެން ތަނަކަށް ވަޒީފާ އަދާކުރަންދާ ބައެއް ވަކީލުން، ވޮލިންޓިއާކޮށް ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. ހުސް ވަގުތުތަކުގައި، މައްސަލަތަކުގެ ދިރާސާއަށް ބޭނުންވާ އެކި އެހީތެރިކަން އެއިން އެތައް ވަކީލެއްގެ ފަރާތުން ލިބޭ ކަން ޝުނާނާ އުފަލާއެކު ފާހަގަ ކުރި އެވެ.

ނަމަވެސް އޭނާ ވެސް އެދެނީ، ބަޔަކަށް ބަރޯސާވާން ނުޖެހޭ، އެ މަސައްކަތަށް މުޅީން ހުސްވެ، މަސައްކަތް ކުރާނެ "ފުލް ޓައިމް" ވަކީލުންނެވެ.

"ވަކީލުން މި މަސައްކަތަށް މުޅީން ހުސްވެ، ފުލްޓައިމް ވުން ވަރަށް އުނދަގޫ ކަމެއް،"

އަންހެނަކަށް ވީތީވެ ތަފާތުކުރުމުގެ ހިތްދަތިކަން

ޝުނާނާއަކީ މި ޖަމިއްޔާގެ ބާނީ އެވެ. ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން، ލީޑު ކުރައްވާ ވަކީލަކީ އެއީ އެވެ. އަންހެން ވަކީލުން ލީޑުކުރާ، ނޫނީ ލީޑާޝިޕްގައި ބައިވެރިވާ ލޯފާމުތައް ވަރަށް ވެސް މަދެވެ. އެއިން އެއް ވަކީލަކީ، ޝުނާނާ އެވެ.

ގާނޫނީ ވަކީލު ކަމުގެ ދާއިރާގައި އަންހެނުންނަށް ފުރުސަތުތަކެއް އެބަ އޮތެވެ. އެކަމަކު، ތަފާތު ކުރުމުގެ މައްސަލަ އޮތުމުން، އެ ކުރިމަތިވާ ނަފުސާނީ ދަތިކަމަކީ ހަމަ މި ދާއިރާގައި ވެސް އޮތް ކަމެކެވެ.

"ތަފާތު ކުރާ މީހާއެއް ނުބުނާނެ، ތަފާތު ކުރަމެކޭ. އެކަމަކު ތަފާތު ކުރުން ޓާގެޓްވާ މީހާއަށް އިހުސާސްވާނެ، އާނ. އެބަ ތަފާތު ކުރެއޭ، ތަފާތު ކުރާ މީހާގެ އަމަލުން ފެންނާނެ އެ ކަން ތަފާތު އެބަ ކުރާ ކަން،"

"ބައެއް ފަހަރު ބައެއް މީހުން ބުނެލަން ވެސް ބުނެލާ ތިމަންނަ ބޭނުން ވަނީ ފިރިހެން ވަކީލެކޭ، ތިމަންނަ މައްސަލަތަކުގައި ތިމަންނަ ދިފާއު ކުރަން ދާން،"

ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކާއި ތަފާތުކުރުންތަކުގެ އާދަކާދައެއް ކޮންމެ ވެސް ވަރަކަށް އޮތް މުޖުތަމައުގައި ކުރި މަސައްކަތްތަކުން، ޝުނާނާއަކީ ގައިމު ވެސް މިއަދު ގިނަ ދިވެހިން ބަލައިގަންނަ ވަކީލެކެވެ. ކޭސްއެއް މޮޅުވާން ބޭނުންނަމަ، ގިނަ ބަޔެއްގެ ދުލުގައި އޮންނާނެ އެއް ނަމަކީ، އެއީ އެވެ.

ޖަމިއްޔާގެ މަަސައްކަތްތައް ފުޅާކުރުން

ގޮންޖެހުންތަކުގެ ތަޖުރިބާއިން، ޝުނާނާ ހޯއްދަވަނީ ފިލާވަޅެކެވެ. ބައްޓަން ކުރައްވަނީ ކުރިއަށްދާނެ ގޮތުގެ މަގުޗާޓެކެވެ. ޖަމިއްޔާއެއް އުފައްދައި، ގިނަ ބަޔަކަށް ގާނޫނީ ހިދުމަތް ދެމުން ދިޔަ ނަމަވެސް އެ ނޫން އެކި މަސައްކަތްތައް ވެސް ހިންގަން ޖެހޭ ކަން ފާހަގަ ވަމުން ދިޔަ އެވެ.

"ބައެއް ގާނޫނުގެ ސަބަބުން އިންސާފު ނުލިބޭ. ބައެއް ގާނޫނު ނެތުމުގެ ސަބަބުން އިންސާފު ނުލިބޭ،"

ގާނޫނީ ހިދުމަތަށް ބޭނުން ޖެހިފައި ތިބި ރައްޔިތުންނަށް ހިދުމަތް ދިނަކަސް، އިންސާފުގެ ދަތުރު އަދި މާ ދިގެވެ. އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނު، އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ގާނޫނު، މެޑިކަލް ސާވިސަސްގެ ޒަމާނީ ގާނޫނެއް ނެތުމުން ގޮންޖެހުންތައް ގިނަވި އެވެ.

"އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނު ނެތީމަ ވަޒީފާގެ މައްސަލަތަކުގައި އަވަހަށް އިންސާފެއް ނުލިބޭ. އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ގާނޫނު ނެތީމަ މަސައްކަތު މާހައުލުން ލިބޭ ގެއްލުންތަކަށް ޒިންމާދާރު ކުރުވަން ދަތިވޭ އެބަ،" އޭނާ ވިދާޅުވި އެވެ.

ލީގަލް ރިފޯމް އަދި ލޮބީގެ މަސައްކަތް ވެސް ޖަމިއްޔާއިން ކުރަން ފެށި އެވެ. ރައްޔިތުންގެ މަޖިލީހުން މި ފަހުން އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނު އަދި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ގާނޫނު ފާސްކުރުމަށް، އެކި މަދަނީ ޖަމިއްޔާތަކުން ކުރި މަސައްކަތުގައި ޕީއައިއެލްސީގެ ބައިވެރިވުން އެބަ އޮތެވެ.

އާންމުންނަށް ގާނޫނުތަކުގެ އަހުލުވެރިކަން ކުޑަ ކަމާއި، ތިމާއަށް ލިބިދޭ ހައްގުތައް ވެސް މުޅީން ފަހުމުނުވާ ކަން ވެސް ފާހަގަ ވަމުން ދިޔަ އެވެ. ޖަމިއްޔާގެ މަސައްކަތް އެ ކަމަށް ވެސް ފުޅާ ކުރީ އެވެ. ލީގަލް އެއިޑް ކްލިނިކްތަކާއި، ލީގަލް އެޑިއުކޭޝަން ޕްރޮގްރާމްތަކެއް ރަށްރަށުގައި ހިންގަން ފެށި އެވެ.

"ކޮންމެ މަހަކު އެއް ފަހަރު އަޅުގަނޑުމެން ކޮންމެ ވެސް އެއް ރަށަކަށް، އަޅުގަނޑުމެން ޓީމު ދަތުރު ކުރާނެ. ލީގަލް އެއިޑް ކްލިނިކް ހިންގަން. ގާނޫނީ ލަފާ ދިނުމާއި، މައްސަލައެއް އޮތިއްޔާ ޖަމިއްޔާގެ ހިދުމަތްތައް، ހިލޭ އެހީތެރިކަން ފޯރުކޮށްދެވޭނެ، ލީގަލް އެވެއާނަސް ސެޝަންތަކެއް ވެސް ކޮންޑަކްޓް ކުރާނެ،"

"ވާނީ ވަކި ވަރެއް"، އާ ޖީލަށް ޝުނާނާ ދިނީ ބޮޑު މެސެޖެއް

ޔަގީނެވެ. ޝުނާނާއަކީ އޭނާގެ ޖީލުގެ އިތުރަށް އާ ޒުވާން ޖީލަށް ވެސް ނަމޫނާއެކެވެ. އޭނާ ނަމޫނާއެއްގެ ގޮތުގައި ދެކޭ ޒުވާން ވަކީލުންނާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ހަރަކާތްތެރިން މަދެއް ނުވާނެ އެވެ. ދުރުގައި ހުރެގެން ފެންނަ ވަރުން ވެސް އޭނާގެ ހަޔާތް، ފިލާވަޅެއްގެ ގޮތުގައި ނަގާނެ ބަޔަކު ތިބޭނެ އެވެ.

ޝުނާނާ ދެކޭ ގޮތުގައި، އޭނާގެ ކެރިއަރުގެ ހަރުފަތުގައި މުޅި ހަޔާތް ގާތްގަނޑަކަށް ހުސްކޮށްގެން ހުރި މަސައްކަތަށް ދެން ތިބި އެންމެން ހުސްވުމަކީ އަދި ފަހަރުގައި ކުރެވިދާނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ވަކީލަކު ވެސް، ކޮންމެ ވަރަކަށް އާންމު މީހާގެ ގާނޫނީ ހިދުމަތަށް ޖާގަ ދޭނަމަ ވަރަށް ގިނަ މައްސަލަތައް ހައްލުވެގެން ދާނެ އެވެ.

"ވަކީލަކަށް ވުމާ އެކު، ހުވައެއް މި ކުރަނީ، ގާނޫނުގެ ވެރިކަން ދަމަހައްޓަން، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި، ގާނޫނީ އެހީތެރިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް، އާންމު މީހާއަށް އިންސާފާއި އެ ހިދުމަތް ލިބެން ޖެހޭ،" ޝުނާނާ ގަބޫލުކުރައްވާ ހަމަ ވިދާޅުވެދެއްވި އެވެ.

މާ ބޮޑު އާމްދަނީއެއް ނުލިބުނަސް، މިއީ ތަޖުރިބާތަކެއް ލިބިދޭނެ މަސައްކަތެއް ގޮތަށް ޝުނާނާ ސިފަކުރެއްވި އެވެ. ގާނޫނީ ހިދުމަތް ދިނުމުގައި ހުރި "ހަގީގީ" ގޮންޖެހުންތަކާ ކުރިމަތިލައި، ޝުނާނާއަށް ވެސް އެތައް ފިލާވަޅެއް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުތައް، މައްސަލަތަކަށް އެޕްލައިކުރާ ގޮތާއި، އާންމު މީހާއަށް އިންސާފު ހޯދަން ކުރާ މުޅި ދަތުރު، މި ވަރަށް ބޮޑު ތަމްރީނަކަށް ވެގެން ދާނީ. އާންމު މުޖުތަމައުގައި އެ މީހަކީ ވަރަށް ބޮޑަށް ބަލައިގަންނަ މީހަކަށް ވެސް ވޭ މި މަސައްކަތުގައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޖަމިއްޔާއަށް ވެސް ވަކި ވަރަކަށް މައްސަލަތައް ނަގައިގެން މަސައްކަތް ކުރެވޭނީ. އެހެން ބަޔަކު ވެސް ވަންނަން އެބަ ޖެހޭ މި ކަމަށް،"

ޝުނާނާ އާ ޖީލަށް ދޫކޮށްލި މެސެޖަކީ އެއީ އެވެ. ވަކީލު ކަމުގެ މަސައްކަތަށް ނުކުތުމަށް ފަހު، މުޅި މަސައްކަތް އާންމު މީހާގެ ގާނޫނީ ހިދުމަތަށް ހޭދަ ނުކުރި ނަމަވެސް އެ މީހަކަށް ކުރެވެން ހުރި ވަރަކުން އެ މަސައްކަތަށް ޖާގައެއް ދިނުމަށެވެ.

"ބައެއް ފަހަރު ޑީމޯޓްވެގެން ހުއްޓާލަނީ، އެހެން ނުވާށޭ، ހިތްވަރުކޮށްގެން މަސައްކަތް ކުރާށޭ،" ޝުނާނާ ބުންޏެވެ. "އެ ހިދުމަތަށް ބޭނުން ޖެހިފައި ތިބި މީހުން ވަރަށް ގިނަ، ގިނަ ބަޔަކު، ކޮންމެ ވަކީލަކު ވެސް ކޮންމެ ވެސް ވަރަކަށް ކޮންޓްރިބިއުޓް ކުރަން ޖެހޭ އެބަ މި ހިދުމަތަށް،"

އަންހެން ވަކީލުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ތަފާތު ކުރުންތަކެއް މުޖުތަމައުގެ ތެރޭގައި އޮތް ނަމަވެސް އަންހެން ވަކީލުން ވެސް ހިތްވަރު ދޫނުކުރަން ޝުނާނާ ބާރުއެޅުއްވި އެވެ.

"ގާނޫނީ ދާއިރާއަށް ބަލާއިރު، ލީޑުކުރަން ގިނައިން މި ތިބެނީ ފިރިހެން ވަކީލުން، އަންހެން ވަކީލުން އެބަ ޖެހޭ އިސް ނަގައިގެން، ލޯފާމުތައް ލީޑު ކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން، މިހާރު ވެސް އަންހެން ވަކީލުން ލީޑުކުރާ ލޯފާމުތައް ހުރޭ، އެކަމަކު ވަރަށް ވެސް މަދު،" އޭނާ ވިދާޅުވި އެވެ.

މިއީ ޝުނާނާގެ ހަރުފަތް ބިނާކޮށް ކުރިއަށް އެރި ގޮތުގެ ވާހަކަ އެވެ.

ޖީލުތަކަށް ދޫކޮށްލި ފިލާވަޅެކެވެ. ހިތްވަރު ދޫކޮށްލާކަށް ނުފެނެ އެވެ. އާންމު މީހާއަށް އެހީތެރިކަން ފޯރުކޮށްދޭން، ފަރުދީ ހައިސިއްޔަތުން ކުރެވިދާނެ މަސައްކަތްތަކެއް، ގާނޫނީ ފަންނުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި މީހުންނަށް ކުރެވޭނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!