މެންބަރުންގެ އަަދަދާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލު ނުކުރަން ފާސްކޮށްފި

ސަރުކާރުގެ މަގާމުތަކަށް ދާން މެމްބަރުކަމުން އިސްތިއުފާ ދިން މެމްބަރުންގެ ގޮނޑިތައް ނުހިމަނައި މެންބަރުން ޖުމްލަ އަދަދު ގުނުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލުނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބާއްވަން ހަ މަހަށް ވެފައި އޮއްވައި (ބައި-އިލެކްޝަނެއް ނުބޭއްވޭނެ ހާލަތުގައި) އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ މެންބަރުންގެ ޖުމުލަ އަދަދު ގުނާނީ ހުސްވި ގޮނޑިތައް ނުހިމަނާ ކަމަށް ބުނެ ފަހުން ގެނައި އިސްލާހާ މެދު ގޮތެއް ނިންމަން ހުށަހަޅައިފަ އެވެ.
އެއީ އެ މާއްދާއަކީ ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފު މާއްދާއެއް ކަމަށްވާތީ އެވެ.
މި މާއްދާއަކީ ސުޕްރީމް ކޯޓަށް ބާތިލްކުރަން ހުށަހެޅި 49 ވަނަ މާއްދާގެ ތިން މާއްދާ ބާތިލްކުރުމަށް ފަހު ގަވައިދަށް ގެނައި އިސްލާހެކެވެ.
މި މައްސަލައަށް މެންބަރުން ބަހުސްކުރިއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން ފިޔަވައި ގިނަ މެންބަރުން ވާހަކަދެއްކެވީ ޖުމްލަ އަދަދު ގުނުމުގައި ހުސްގޮނޑި ގުނަން ނުޖެހޭނެ ކަމަށެވެ.
ބަހުސްގެ ތެރެއިން ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެ ނިންމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 25 މެންބަރުންގެ ވޯޓުންނެވެ.
އެގޮތަށް ފާސްވުމުން އަސްލަމް ވިދާޅުވީ މީގެ ފަހުން މަޖިލިސް މެންބަރުންގެ ޖުމްލަ އަދަދު ކަމަށް މީގެ ފަހުން ބަލާނީ 80 ކަމަށެވެ.






ކޮމެންޓް