ޚަބަރު އިޖުތިމާޢީ ސަރުކާރު

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން 15 މިލިޔަން ރުފިޔާގެ ސްކީމެއް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15 މިލިޔަން ރުފިޔާގެ ސްކީމެއް ކުރިޔަށް ގެންދަން ސަރުކާރުން ނިންމައިފިއެވެ.

Ads by Hajj Corporation

އެގޮތުން މި ސްކީމް ކުރިޔަށް ގެންދިޔުމަށްޓަކައި އެގްރިކަލްޗާ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން އެސްޑީއެފްސީން މިއަދު ވަނީ ސޮއިކޮށްފައެވެ. މި ސްކީމް ކުރިއަށް ގެންދާނީ އެގްރިކަލްޗަ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގަމުން އަންނަ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެފް) ގެ ދަށުންނެވެ.

މި އެހީގެ ސްކީމް ހާއްސަކޮށްފައި ވަނީ މެޕްގެ ހަރަކާތްތައް ކުރިއަށް ގެންދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން އެއްބަސްވުމުގެ ދަށުން ދަނޑުވެރިންނަށް 15،188،700ރ. ގެ މެޗިން ގްރާންޓް ސްކީމެއް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ގްރީން ހައުސްތަކުގައި ހައިޑްރޮފޯނިކްސް ސިސްޓަމް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރަން ބޭނުންވާ ދަނޑުވެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ގްރާންޓަށް އެދި ހުށަހެޅުމަށް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓު މިނިސްޓަރު ޙުސައިން ޝާމް އާދަމެވެ. އެގްރިކަލްޗަ މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު މަރިޔަމް ވިޝާމާ އަޙްމަދެވެ. އެސްޑީއެފްސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!