އެއާ އެމްބިއުލާންސްގެ ގޮތުގައި، ސީޕްލޭން ބޭނުންކުރަން ފަށަނީ

އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
މި ޚިދުމަތް މާދަމާ ފަށަން ނިންމާފައިވާއިރު، މިކަމަށްޓަކައި ބޭނުންކުރާ ސީޕްލޭން މިހާރުވަނީ ބޭނުންވާ ވަސީލަތްތަކާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް ޑޭޝް 8 މަރުކާގެ ބޯޓަކާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
އެހެންނަމަވެސް އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ޚިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ ބޭނުން ކުރުމަށް ސަރުކާރުން މިވަނީ ތައްޔާރުވެފައެވެ.
އެއަރ އެމްބިއުލާންސްގެގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފޮޓޯތައް ސޯޝަލް މީޑިއާ ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަގޮތުގައި ސީޕްލޭންގައިވެސް ބޭނުންކޮށްފައިވަނީ މިހާރު ބޭނުންކުރާ ޑޭޝް 8 މަރުކާގެ އެއަރ އެމްބިއުލާންސްގައި ބޭނުންކޮށްފައިވާ ކުލަތަކެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި ޞިއްޙަތާ ބެހޭ ވުޒާރާއާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސަރވިސްއާއެކު އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.