ޚަބަރު

މަސްވެރިންނާއިި ދަތުރުވެރިންނަށް ހާއްސަ އެޕެއް ލޯންޗްކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ މަސްވެރިންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކަށް ހާސަކޮށް ތައްޔާރުކޮށްފައިވާ 'ރަސްއައިން' މޯބައިލް އެޕްލިކޭޝަން ރޭ ލޯންޗުކޮށްފިއެވެ.

Ads by STELCO
އެ އެޕްލިކޭޝަން ލޯންޗުކޮށްދެއްވާފައިވަނީ، މާފަރު އިންޓަރނޭޝަނަލް އެއަޕޯޓްގައި ބޭއްވި އެމްއެންޑީއެފް އެއާ ކޯ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފުކުރެއްވުމުގެ ރަސްމިއްޔާތުގައި، ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސް ޑރ މުހއްމަދު މުއިއްޒުއެވެ.
ގައުމީ ދިފާއި ބާރުން ބުނީ ރަސްއައިން މޯބައިލް އެޕްލިކޭޝަނަކީ، ރާއްޖޭގެ މަސްވެރިންނާއި، ރާއްޖެ ސަރަހައްދުން ދަތުރުކުރާ ކަނޑުއުޅަނދު ފަހަރާއި، އަދި ކަނޑުން ނަފާ ހޯދުމުގައި ހަރަކާތްތެރިވާ އެކިއެކި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކޯސްޓްގާޑުން ކުރާ މަސައްކަތަށް އެހީއެއްގެ ގޮތުގައި ޓެކްނޮލޮޖީގެ މަންސަތަކުގައި ބޭނުން ހިފުމަށް އުފައްދާފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.
އެންޑްރޮއިޑް އަދި އައިއޯއެސްއަށް ފަރުމާކޮށްގެން ލޯންޗުކުރި އެ އެޕްލިކޭޝަނުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.
އޭގެ ތެރޭގައި ރާއްޖޭގެ މެޕާއެކު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ނެރޭ މޫސުމީ އިންޒާރު ފަދަ މުހިންމު މައުލޫމާތުތައް ހިމަނާފައިވެއެވެ. އަދި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތްތަކުގައި ފޮނުވާ ޑިސްޓްރެސް، ކޯސްޓްގާޑުގެ ޕުޝް މެސެޖުތައް ވެސް މި އެޕްލިކޭޝަނުން ބަލާލެވޭނެއެވެ.
ކުރިއަށްއޮތް ތަނުގައި، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ފޯރުކޮށްދޭ މަޢުލޫމާތުގެ އަލީގައި، އެޕް ތަރައްގީކުރުމަށް ބޭނުންވާ، ގުޅުންހުރި އަދި ފައިދާހުރި ބަދަލުތަކާއި އިތުރު އަޕްޑޭޓްތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!