ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ކެންޑިޑޭޓުންގެ ހައްގަށް އުނިކަން އަންނަ ފަދަ ކަމެއް ނުކުރަން އެދިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން
އީސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ފޯރިގަދަވެފައިވާއިރު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

މިއަދު އީސީން އާންމުކޮށްފައިވާ ދެ ނޯޓިސްއެއްގައި ބުނީ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް އެހެން ފަރާތަކުން ކުރާނަމަ، އެކަމުގެ ޝަކުވާ ހުށަހަޅައި އެކަމެއް ހުއްޓުވައިދިނުމަށް އެދުމުގެ ހައްގު އެ ކެންޑިޑޭޓަކަށް ލިބިގެންވާ ކަމަށެވެ.

އެގޮތުން މިފަދަ ކަންކަން ފާހަގަކުރެވޭނަމަ، ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ. އަދި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ ކަންކަން ނުކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އީސީން ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގެ (ށ)ގައި – އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު 2024 ގެ 24 ވަނަ މާއްދާގެ (ހ)ގެ 7ވަނަ ނަންބަރުގައި، ތާއިދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއިދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު ނުވަތަ ނިޝާން، ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް، އެހެން ކެންޑިޑޭޓަކަށް ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާޢީދުކުރާ ބަޔަކު ނައްޓައި، ހަލާކުކޮށް ގެއްލުންދީގެން ނުވާނެކަން ބަޔާންކޮށްފައިވާކަން އީސީން ވަނީ ހަނދާންކޮށްދީފައެވެ.

އީސީން މިހެން ބުނެފައިވާއިރު މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑެޓުންނާ ދެކޮޅަށް އެންޓި ކެމްޕޭނު ކުރުމާއި ކެންޑީޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދޭ މައްސަލަތައް ވަނީ މަދުން ނަމަވެސް ފެންމަތިވެފައެވެ. ދާދި ފަހުން ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ހަސަން ލަތީފްގެ ކެމްޕޭނު ޕޯސްޓަރުތަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުންގެ އިދާރާ އަށާއި އީސީއަށް ވަނީ ހުށަހަޅާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!