ރިޕޯޓް

ރޯދަ މަހު ގޭސްޓްރިކް ވޭތަ? މިއޮތީކެއިން ބުއިން ގެންގުޅެއްވީ ގޮތް!

އައިކާ ޔުނާން ، ދެން އޮންލައިން

ރޯދަ މަހު މުޅި ދުވަހުގެ ހުސްބަނޑާ ހޭދަކުރާއިރު, ގޭސްޓްރިކް މައްސަލަތައް ދިމާވުމަކީ އާންމުކަމެކެވެ. އެތެރެ ހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ ވެސް ވިދާޅުވީ 13 ވަރަކަށް ގަޑިއިރު ރޯދައަށް ހުރުމުން މިއީ ދިމާވެދާނެ ކަމެއް ކަމަށެވެ. އެކަމަކު މިއީ ކުޑަ ހިތްވަރަކުން ހައްލު ކުރެވިދާނެ މައްސަލައެކެވެ.

Ads by MWSC

ގޭސްޓްރިކް ވާން ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ޑރ. މުހައްމަދު އަލީ ފާހަގަކުރައްވަނީ ރޯދަ ވީއްލާ ގަޑީގައި އެެއް ފަހަރާ މާ ގިނައިން ފެން ބުއިމެވެ. އޭގެ ސަބަބުން ބަނޑުތެރޭގައި އެސިޑިޓީ މަތިވެ, ހަޖަމު ކުރަން އުނދަގޫވަނީއެވެ. އެކަމުގެ ސަބަބުން ބަނޑު ފުފި, ބޮޑުކަމުދާނެ އުނދަގޫ ވެދާނެ އެވެ.

އެކަމަށް ޑރ. ދެއްވާ އެންމެ މުހިންމު ހައްލަކީ ރޯދަ ވީއްކާ ގަޑީގައި އެއް ފަހަރާ މާ ގިނަ ފެން ނުބުއިމެވެ. އޭގެ ބަދަލުގައި ކުޑަ ފެންފޮދަކާއި ކަދުރަކުން ރޯދަ ވީއްލައިގެން, ނަމާދަށް ފަހު ކެއުމަށް ޑރ. މުހައްމަދު އަލީ އިލްތިމާސްކުރެއްވިއެވެ.

"އެގަޑީގައި ފެން އެއް ފަހަރާ ނުބުއިން ވަރަށް މުހިންމު. ކަދުރަކުން ރޯދަ ވީއްލާފައި އެއާއެކީގައި ފެން ކޮންމެވެސް ވަރަކަށް ބޮއެފައި. އަދި ވަގުތުކޮޅެއް ދިނުން ބަނޑަށް އެއްފަހަރާ ކެއުމުގެ ކުރިން. އޭގެ ކުރިން ނަމާދުކޮށްލައިގެން އައިސްފައި ކާ އެއްޗެއް ކެއީމާ ހުންނާނީ ވަރަށް ބޮޑަށް ހަމަޖެހިފައި. ކާއެއްޗެއް ބަލާއިރު," ޑރ. ވިދާޅުވިއެވެ.

އެއާއެކު އެއް ފަހަރާ މާގިނައިން ނުކެއުމަކީ ވެސް މުހިންމު ކަމަކެވެ. ގިނަ ފެން ނުބޮއެ, ފެން ލިބޭ ފަދަ މޭވާތައް ކެވިދާނެ އެވެ.

" ގޮހޮރަކީ ތުން އައްސާފައި އޮންނަ ގޯންޏެއް ކަހަލަ އެއްޗެއް. މާ ގިނައިން އެއް ފަހަރާ ކެވިއްޖެއްޔާ އެ ތުން މޮހޭ ގޮތް ވަނީ. އެހެންކަމުގެ ސަބަބުން ބަނޑުތެރޭގައި ހުންނަ އެސިޑިޓީ މައްޗަށް އަރާފައި ހޮޑު ލެވޭ ގޮތް ވަނީ. ކަރުގައި އަޅާ ގޮތް ވެދާނެ, ކަރު ހިއްކުން އިތުރުވާނެ, އެސިޑިޓީ މާ ބޮޑަށް ވާނެ," ޑޮކްޓަރު ވިދާޅުވިއެވެ.

ދިވެހިންނަކީ އާންމުކޮށް ކެއުމުގައި ކުޅިކޮށް ކައި އުޅޭ ބައެއް ނަމަވެސް, ޑރ. ވިދާޅުވި ގޮތުގައި ރޯދަ ވީއްލާ ގަޑީގައި ކުޅިކޮށް ކާނަމަ ބަނޑަށް ވަރަށް ބޮޑަށް އުނދަގޫވާނެއެވެ. އެއީ ރޯދަ މަހު ކޮންމެވެސް ދުރުވާން ޖެހޭ ކަމެކެވެ.

އޭގެ އިތުރުން ރޯދަ ވީއްލަން ހަދާފައި ހުންނަ ތެލުލި އަދި ހުނި އަޅައިގެން ހަދާފައި ހުންނަ ހެދިކާތަކާ ދުރުވުމަކީ ވެސް ގޭސްޓްރިކުން ދުރުވެވިދާނެ ގޮތެއް ކަމަށް ޑރ. މުހައްމަދު އަލީ ފާހަގަކުރައްވައެވެ. މިއީ ގޭސްޓްރިކަށް ވަރަށް ބޮޑަށް އުނދަގޫ ކުރުވާ ދެ ބާވަތެވެ.

"ކާ ހިތްވަންޏާ ކޮންމެވެސް ވަރަކަށް ކެވިދާނެ. އެކަމަކު ގިނައިން ކައިފިއްޔާ އޭގެ އުނދަގޫ ހަމަ ގިނަ ބޭފުޅުންނަށް ކުރާނެ," ޑރ. ވިދާޅުވިއެވެ.

ގޭސްޓްރިކް ކުޑަކުރުމަށް ޑރ. މުހައްމަދު އަލީ ދެއްވާ އަނެއް ލަފަޔަކީ ތަރާވީސް ދަމުގައި ވެސް މި އާދަތައް ހިފެހެއްޓުމެވެ. ތަރާވީސް ނަމާދަށް ދިއުމުގެ ކުރިން މާ ގިނައިން ފެން ނުބޮއެ, އެ ގަޑީގައި މަދުމަދުން އެތިކޮޅުން ފެން ބުއިމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޑރ. ފާހަގަކުރެއްވިއެވެ.

ދެން އޮތް އަނެއް ކަމަކީ ދީނުގައި ވެސް ބާރު އަޅާ ގޮތަށް, ހާރުކާ ގަޑި ލަސްކޮށްލުމެވެ. އަދި ގިނައިން ކެލޮރީ ލިބޭ އެކަމަކު އެހާ ގިނައިން ކާން ނުޖެހޭ އެއްޗެއް ހާރު ގަޑިއަށް ޚިޔާރުކުރުމެވެ.

ރޮށްޓާއި ބަތް ފަދަ އެއްޗެއްގެ ބަދަލުގައި މިސާލަކަށް މޭވާއެއް ނުވަތަ ޕީނަޓް ބަޓާ ފަދަ ލުއި އެކަމަކު ގިނަ ކެލޮރީ ލިބޭ އެއްޗެއް ކެއުމުން ބަނޑަށް އުނދަގޫވާ ވުން ކުޑަވެފައި, މުޅި ދުވަހަށް ބޭނުންވާ ހަކަތަ ލިބިފައި ހުންނާނެ ކަމަށް ޑރ. ވިދާޅުވިއެވެ.

އަދި, ހާރު ގަޑީގައި ގިނައި ފެންބުއިމުގެ ބަދަލުގައި ތަރާވީހާ ހާރުދަމާ ދޭތެރޭގައި އެތިކޮޅުކޮޅުން ފެން ބުއިން މުހިންމުކަން ވެސް ޑރ. ފާހަގަކުރެއްވިއެވެ.

"އެނގޭ ކަރު ހިއްކާނެކަން ވަރަށް ބޮޑަށް ރޯދަ މަހު. އެކަމަކު މި ކަންކަމަށް ބަދަލު ގެނައީމާ ވަރަށް ފަސޭހަ ވެގެން ދާނެ ރޯދަ މަހު" ޑރ. ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!