ޚަބަރު

ޝަމީމަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް, ބެލެވެނީ މަރާލަން އުޅުނު ކަމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާއަކީ މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޝަމީމަށް ދިން ހަމަލާއަކީ ބެލެވޭ ގޮތުގައި މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ކަމަށެވެ. އެހެންކަމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެެވެ.

"ޕީޖީއަށް ހަމަލާ ދީފައިވަނީ މަރާލުމުގެ ގަސްތު އޮވެގެން ކަމަށް ވާތީ ތަހުގީގު ކުރިޔަށް ދަނީ އެމަގުން" އޮފިޝަލް ވިދާޅުވިއެވެ.

ޝަމީމަށް ހަމަލާ ދީފައިވަނީ ޖެނުއަރިމަހުގެ 31 ވަނަ ދުވަހު ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި އައި ދެ މީހުން ދިން ހަމަލާގައި ޝަމީމްގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައެވެ.

މި މައްސަލާގައި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ޕީޖީ އޮފީހުން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ފުލުހުންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޝަމީމަށް ހަމަލާ ދިން ހާދިސާއަށްފަހު ޝަމީމްގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!