ޚަބަރު

ވިލމާލެ ދެ ކަނޑުއޮޅި ބަންދުކަން ހަނދާން ކޮށްދީފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މާލެ-ތިލަފުށި ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށްދާތީ، ބަންދުކޮށްފައިވާ ކަނޑުއޮޅިތަކުން ދަތުރުކުރާ ފަރާތްތަކާއިމެދު ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އަނެއްކާވެސް ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by STELCO

ތިލަމާލޭ ބްރިޖުގެ މަސައްކަތަށް މާލެ-ވިލިމާލެ، އަދި ވިލިމާލެ-ގުޅިފަޅު ދެމެދު ކަނޑުއޮޅިން ކަނޑު އުޅަނދުތައް ދުއްވުން ވަނީ މިނިސްޓްރީއިން ތަކުރާރުކޮށް މަނާކޮށްފައެވެ. އަދި ރައްކާތެރިކަމަށްޓަކައި މި ދެ ކަނޑުއޮޅިން ކަނޑުގައި ދުއްވާ އުޅަނދު ނުދުއްވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިންވެސް މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ވުޒާރާއިން ބުނީ، ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެ ކަމަށެވެ. އަދި މަނާކޮށްފައިވާ ސަރަހައްދަށް ވަދެފިނަމަ އެ ފަރާތެއްގެ ލައިސަންސް އެއް މަސްދުވަހަށް ހިފަހައްޓާނެކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އެ ދެ ކަނޑުއޮޅި ބަންދުކުރި ނަމަވެސް، އެ ކަނޑުއޮޅިތަކުން އުޅަނދުތައް ދުއްވަމުންދާކަން އަނެއްކާވެސް ފާހަގަވެފައިވާ ކަމަށާއި، ވަކިން ހާއްސަކޮށް ރިސޯޓްތަކުގެ ސްޕީޑު ބޯޓުފަހަރު މި ދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ތިލަމާލޭ ބްރިޖް މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްޕް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މިދެ ކަނޑުއޮޅީގައި ދަނީ މަސައްކަތް ކުރަމުންކަމަށެވެ. މި ދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައިވާ ކަމަށެވެެވެ.

މީގެ ސަބަބުން، މި ދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމެއްކަމުން، މި ދެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމަކަށް ކަމެއް ނޫންކަން ފާހަގަކޮށްފައިވެއެވެ.

Ads by HDC
  1. ޢަހްމަދު އަޝްފާމް

    ބުރިޖު މީހުންނަށް ތިވުޒާރާއިން ބޮއެ ތަކުގަ ބައްތި ޖެހުން އެންގުން އެއީ ނުއަތު ކަމަކަށް ވާތީތަ ނާންގަނީ. ސަރުކާރަށް ފެލެވޭނީ ދިވެހިން.