ޚަބަރު

ހުއްދަ އޮތީ ބާތިލުކޮށްފައި، އުމުރާއަށް ދާން ފައިސާ ނުދައްކަން މިނިސްޓްރީން އެންގި

. ، ދެން އޮންލައިން

ހުއްދަ ދީފައިނުވާ ކުންފުންޏަކަށް ނުވާތީވެ އުމުރާއަށް ދިޔުމަށް، އަލް-މަޝްއަރު ކުންފުންޏަށް ފައިސާ ނުދައްކަން އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފައިވާކަން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

މިދޔަ އަހަރުގެ ރޯދަ މަހު، އެ ގްރޫޕުގެ ހަވާލުގައި މަހު 207 މީހަކު އުމްރާއަށް ދިޔައިރު އެމީހުން ގެންދަން ފްލައިޓް ޗާޓަރުކުރި ދިވެހި ކުންފުންޏަށް ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވީ ބައުންސެވެ. އެއީ އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރެވެ. ހަމަ އެ ދަނޑިވަޅުގައި ސައުދީ އެއާލައިންސްގެ ފްލައިޓެއް ގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަ ވެސް އުޅޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 90 ހާސް ޑޮލަރެވެ.

އެ މައްސަލަތަކާއި ގުޅިގެން އެ ކުންފުންޏަށް ދިން ހުއްދަ މިނިސްޓްރީން ވަނީ ބާތިލްކޮށްފައެވެ. މިހާރު ހިންގަމުން އަންނަނީ ޓްރެވެލް އެޖެންސީގެ ނަމުގެ ދަށުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ދައްކާ ގޮތުން ''މަޝްއަރު ޓުއާސް'' ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ތިބެނީ އަލީ ފާރީޝްއާ މޫސާ ޔާމީނެވެ. ގަަތަފް ސެންޓް މޯލްޑިވްސް، ހިޖާމާ ފިޒިއޯ ސެންޓުގެ އިތުރުން ހަޝިހެޔޮ ކްލިނިކަކީ އެތަނުގެ ދަށުން ހިންގަމުން އަންނަ ތަންތަނެވެ.

އިސްލާމިކް މިނިސްޓްރީން ހައްޖާ އުމްރާ އަށް ހުއްދަ ދިން ކުންފުނިތަކުގެ ލިސްޓުގައި އެ ކުންފުންޏެއް ނެތެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން ވަނީ އުމްރާ އަށް ދާން އެ ކުންފުންޏަށް ފައިސާ ނުދައްކަން އިލްތިމާސް ވެސް ކޮށްފައެވެ.

މަޝްއަރުގެ ހަވާލުގައި އުމުރާއަށް ދާން މިދިޔަ ހޯމަ ދުވަހު ފުރި މީހުންގެ ޓިކެޓަށްވާ ފައިސާ ދައްކަން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ދިން ހަތަރު ޗެކްވެސް ވަނީ ބައުންސް ވެފައެވެ. އަދި އެ ޗެކުތަކަށްވާ ފައިސާގެ އެއްބައި އިއްޔެ ދައްކަން މަޝްއަރު ގްރޫޕަށް އެންގި ނަމަވެސް އެ ފައިސާ ލިބިފައިނުވާތީ, މަޝްއަރު ޓުއާސްގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ ކުރާނެ ކަމަށް އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން މަޝްއަރު ގްރޫޕުގެ ބަހެއް ހޯދާލަން އެ ގްރޫޕުގެ މެނޭޖިން ޑިރެކްޓާ އަލީ ފާރިޝް "ދެން" އަށް ވިދާޅުވީ، ބައުންސްވީ ޗެކްތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި ދިވެހިން އަނބުރާ ގެނެސްދިނުމަކީ އެ ގްރޫޕުގެ ޒިންމާއެއްކަމުން، ކުރިންވެސް ތާވަލްކުރެވިފައިވާ ފަދައިން އަންނަ މަހު 16 ވަނަ ދުވަހު އުމްރާވެރިންނަށް ރާއްޖެ އާދެވޭނެ ކަމުގެ ޔަގީންކަން އެ ގްރޫޕުން ދެއްވިއެވެ. އޭނާ ވިދާޅުވީ ފައިސާ ދައްކަން އަންނަ މަހުގެ ފަހަކާއި ޖެހެން މުއްދަތެއް ދިނުމަށް އެދިފައިވާ ކަމަށެވެ.

މި ރޯދަ މަހު އެ ޓްރެވެލް އެޖެންސީން އުމްރާއަށް މީހުން ފޮނުވަން ފްލައިޓް ޗާޓަރު ކުރީ އިނަ މޯލްޑިވްސްގެ ދަށުން ހިންގާ ''އޭސް ޓްރެވެލް'' އާއި ''އޭސް އޭވިއޭޝަން'' އިންނެވެ. ފްލައިޓް ޗާޓަރުކުރީ ސްރީލަންކަން އެއާލައިން އާއި ގަތަރު އެއާލައިންގެ އިތުރުން އެމިރޭޓްސް އެއާލައިނުންނެވެ. އެ މީހުންގެ ހަވާލުގައި 50 މީހަކު އުމުރާގެ އަޅުކަމަށް ދިޔައެވެ.

ބައުންސްވި ޗެކުތަކާއި ގުޅިގެން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެފައިވަނީ، ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި މީހުންގެ މަސްލަހަތަށް ބެލުމަށް ފަހު، ބައުންސްވި ޗެކުތަކަށް ފައިސާ ދެއްކުމަށް ފުރުސަތުތަކެއް ދެވިއްޖެ ކަމަށެވެ. ނަމަވެސް، އެ އަދިވެސް އެ ގްރޫޕުން ފައިސާ ދައްކާފައިނުވާތީ ކުންފުންޏަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން އެ ގްރޫޕުގެ މަސްއޫލުވެރިންގެ މައްޗަށް ދައުވާ އުފުލާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!