ޚަބަރު

މާފަރު އެއާޕޯޓުގައި 50 ކޮޓަރީގެ ހޮޓަލެއް އަޅާނެ ބަޔަކު ހޯދަނީ

އަލީ ސަމާޙް ، ދެން އޮންލައިން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ހާއްސަކޮށްގެން ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

އައިއޭއެސް ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުހަބާ ކިޔަން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުގެ ތަޖުރިބާ އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ ކަމަށެވެ.

އެހެންވެ އެއާޕޯޓު ކައިރީގައި އާ ހޮޓަލެއް އެޅުމުގެ ވިސްނުން އެބަހުރި ކަމަށާއި, ބޭނުންވަނީ 50 ކޮޓަރި ހުންނާނެ ހޮޓަލެއް ކަމަށެވެ.

''އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ހޮޓަލުގެ ސަބަބުން ހަމައެކަނި އެއާޕޯޓު ރަނގަޅުވުމުގެ އިތުރުން ލޯކަލް އިގްތިސާދު ކުރިއެރުވުމަށް ވެސް މަގުފަހިވެގެންދާނެ. މި ހިތްގައިމު ޕްރޮޖެކްޓްގައި ބައިވެރިވާން ޝައުގުވެރިވާ ނަމަ، އެ މީހުންގެ ހިޔާލާއި ޕްލޭންތައް ފޮނުވުމަށް އެދެން'' އިއުލާނުގައިވެއެވެ.

އީއޯއައި މަރުހަލާއަށް ފަހު، ބައިވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާނެއެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ވަގުތާއި ތަނުގެ ތަފްސީލް ފޮނުވާނެ ކަމަށް އައިއޭއެސް އިން ބުންޏެވެ.

ޕާޓްނަރުން ހޮވުމުގައި އިސްކަންދޭނީ އަމާޒަށް ފެތޭ ޕްރޮޕޯސަލްތަކަށް ކަމަށާއި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ކޮންމެ ޕްރޮޕޯޒަލެއް ބަލައިގަތުމާއި ނުގަތުން، އީއޯއައި ޕްރޮސެސް ކޮންމެ ވަގުތެއްގައި ވެސް ބާތިލް ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް މިއަދު އާއްމުކުރި އިއުލާނުގައި ބުންޏެވެ.

ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ މަހުގެ 21 ގެ 14:00 އެވެ.

މާފަރު އެއާޕޯޓް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ އެއާޕޯޓަކީ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހެދި އެއާޕޯޓެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!