ބަންދު ދުވަސްތަކުގައިވެސް އެމަޖެންސީ ހާލަތްތަކުގަ އައިޑީކާޑުގެ ހިދުމަތް ދޭނެ: ޑީއެންއާރު

ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެމަޖެންސީ ހާލަތްތަކުގައި އައިޑީ ކާޑާ ގުޅުން ހުރި ހިދުމަތްތައް ދޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓަރޭޝަން (ޑީއެންއާރް)އިން މިއަދު ބުނެފިއެވެ.
ބަންދު ދުވަސްތަކުގައި، އެމަޖެންސީ ހާލަތެއް މެދުވެރިވެގެން އައިޑީ ކާޑާއި ގުޅުންހުރި ހިދުމަތެއް ބޭނުންވެއްޖެ ނަމަ 7280368 އާ ގުޅުމަށް ޑީއެންއާރުން އެދިފައިވެއެވެ.
ޑީއެންއާރުން މި މަހުގެ 9ވަނަ ދުވަހު ނެރުނު އިއުލާނެއްގައިވާ ގޮތުން، ރޯދަ މަހު ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ވެސް އައިޑީ ކާޑު ދޫކުރަން ހަމަޖެހިފައިވަނީ 09:30 އިން 11:30 އަށެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައިގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 01، 03 އަދި އަށެއް އޭޕްރީލް މި ތިން ދުވަހުއެވެ.
މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފައެވެ.