ފުރަތަމަ މަހު އެކަނިވެސް އެއަރ އެމްބިއުލާންސްގެ 60އަށްވުރެ ގިނަ ދަތުރު

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިތާ އެއްމަސް ތެރޭގައި ބަލި މީހުން އުފުލުމަށް 60 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަނުން ބުނީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރިތާ ފުރަތަމަ އެއް މަސްދުވަހު 66 މެޑިކަލް އިވަކުއޭޝަން ހަދާފައިވާކަމަށެވެ.
އެންމެ ފުރަތަމަ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓު ބޭނުން ކޮށްގެންނެވެ. އެއަށްފަހު އެއާ އެމްބިއުލާންސްގެ ހިދުމަތަށް ޑީއެޗްސީ-6 ގެ ޓްވިން އޮޓާ ސީޕްލޭނެއް މިދިޔަ މަހު މެދުތެރޭގައި ވަނީ އިތުރުކޮށްފައެވެ. ކުއްލި ހާލަތުގައި ބޭނުންކުރާ އޮކްސިޖަންއާއި، ވެންޓިލޭޓަރުގެ އިތުރުން އިމަޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި މި ބޯޓުތަކުގައި ހިމެނެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެއެވެ. އެގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމާޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް، ސަރުކާރުން ނިންމާފައިވަނީ މާލެ ސަރަހައްދުގައި މިހާރު ގާއިމުކުރެވިފައިވާ "މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްގެ ނިޒާމް"ގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނުމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ސިއްހީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.