ކަނޑުމަގުން ޑްރަގު އެތެރެކުރާ ސަރަހައްދު ޑްރޯނުން ބަލަނީ
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ޑްރޯނު ބޭނުންކުރަން ފުލުހުން ފަށައިފިއެވެ.
އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމްއެންޑީއެފް) ގެ އެތެރޭގައި އެއާ ކޯ އެއް އުފައްދާ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފު ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ތިން ޑްރޯނެއް ދައްކާލާފަައިވެއެވެ. އެއީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްތާ ބައިރަކުތާރު ޓީބީ-2 ޑްރޯންތަކެކެވެ.
މި ސަރުކާރުން، މިދިޔަ އަހަރު ނޮވެމްބަރު މަހު ވެރިކަމާ ހަވާލުމަށް ފަހު މަހު ޑްރަގްގެ މައްސަލަތަކަށް ހާއްސަ ޓާސްކްފޯހެއް ވަނީ އުފައްދާފައެވެ. މި ޓާސްކްފޯސް ޗެއާ ކުރައްވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޓެންޑެންޓް އަދި ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ވެރިޔާ އަހުމަދު ޝާކިރު ވިދާޅުވީ ކަނޑުގެ ޒަރިއްޔާއިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައަށް ހައްލު ގެނައުމަށް އެއާކޯއާ ގުޅިގެން ޑްރޯންގެ ޒަރިއްޔާއިން މަސްތުވާތަކެތި އެތެރެކުރާ ސަރަހައްދުތައް ބަލަމުން ކަމަށް ވިދާޅުވިއެވެ.
ޝާކިދު ވިދާޅުވީ ޑްރޯން ބޭނުންކުރަން ފެށުމުން ކަނޑުމަގުން ރާއްޖެއަށް ޑްރަގު އެތެރެކުރާ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރާއްޖެއަށް ޑްރަގް އެތެރެކުރާ މައްސަލައަށް ހައްލެއް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކެބިނެޓަށް ހުށަހެޅުނު ޕޭޕަރެއްގެ ޒަރީއާއިން ރާއްޖޭގެ ހުރިހާ އުޅަނދެއްގައި ޓްރެކިން ޑިވައިސް ހަރުކުރުން ލާޒިމުކުރަން ނިންމާ ގާނުނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.
މަސްތުުވާތަކެތި އެތެރެކުރާ މައްސަލައަށް ހައްލެއް ގެނައުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މި ފަހުން ތިން ދުވަސް ތެރޭ ފުލުހުން ވަނީ 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.