ޚަބަރު

ކުށްތަކަށް ހުށަހެޅޭ ކުދިން ގިނަވަނީ އެކުދިން ދެނެނުގަނެވޭތީ: ހަމީދު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކުރީގެ ސީޕީ ހަމީދު/ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކުށްކުރާ ކުޑަކުދިން ގިނަވަނީ އެކުދިން ރަނގަޅަށް ދެނެނުގަނެވޭތީ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމީދު މިފަދައިން ވިދާޅުވެފައިވަނީ، ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިންގެ އަދަދު މަދުކުރުމަށް، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށްކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

މިހާރު ގާނޫނުގައި އޮތް ގޮތުން ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރު ފުރުމުންނެވެ. ނަމަވެސް، ކުށުގެ ވެށީގެ މާހައުލުގައި 12 އަހަރާއި 13 އަހަރުގެ ގިނަ އަދަދެއްގެ ކުދިން އުޅެމުންދާތީ އާއި، ގާނޫނުގައި އުމުރު ކަނޑައަޅާފައިވާގޮތުން އެކުދިންނަށް ކުށަށް ޒިންމާއެއް ނުކުރެވެއެވެ. އެހެންކަމުން، ސަރުކާރުން ވަނީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރަން ނިންމާފައެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ހަމީދު ވިދާޅުވީ، ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ދަށްކުރުމަކީ ހައްލެއް ކަމަށް ނުދެކޭ ކަމަށެވެ. ސަރުކާރުގެ އަމާޒަކަށް ވާންޖެހޭނީ ނިޒާމް ހަރުދަނާ ކުރުން ކަމަށާއި، އެހެން ގޮތްގޮތުން ވެސް އެކަން ކުރެވިދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވީ، މި މުޖުތަމައުގެ ތެރޭގައި ކުށްކުރާ ކުދިން މަދުކުރުމަށް ނުކުރެވޭ ކަމަކީ އެކުދިން ރަނގަޅަށް ދެނެގަތުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މައްސަލަތައް ހައްލުކުރުމަށް، ކުދިން ރަނގަޅަށް ދެނެގަތުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަހަރުމެންނަށް ކުޑަކުދިން ރައްކާތެރިކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް މަދުވަނީ "ހޮލިސްޓިކް އެޕްރޯޗެއް"، ކަންކަން ރަނގަޅު ކުރާނަމަ، މިކަމަށް ފޯކަސް ކުރަން އެބަ ޖެހޭ،" ހަމީދު ވިދާޅުވިއެވެ.

ސަރުކާރުން ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ދަށްކުރުމާއި ގުޅިގެން  ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވެސް ވިދާޅުވީ އެއީ ހައްލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ކުށްކުރުން ހައްލުކުރުމަށް އޮތް ގޮތަކީ ރިހެބިލިޓޭޓް ކުރުން ކަމަށެވެ.

Ads by Ooredoo
  1. ޝައިތާން

    ހަމީދު ސީޕީ ކަމުގަ ހުރެގެން އެކުދިން ދެނެނުގަނެވުނީ ކީވެބާ؟ މިޔަދު ހަމީދު ތިވާހަކަ ދައްކަން ލަދުގަނަން ޖެހޭނެ. ހަމީދުގެ ނާގާބިލް ކަންތީ