ރައީސް އެދިވަޑައިގަންނެވީ އީދު އެންމެ ފުރިހަމަ ގޮތުގައި ފާހަގަކުރުމަށް
ކުރިއަށް އޮތް ފިތުރު އީދު އޭގެ އެންމެ ފުރިހަމަ ގޮތުގައި އެއްބައިވަންތަކަމާއެކު ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އީދާ ގުޅިގެން ސިޓީތަކާއި ވެރިކަން ކުރާ ރަށްތަކުގައި އީދު ދިއްލުންތައް ދިއްލުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, މި ސައްތައިން ސައްތަ މުސްލިމު ގައުމުގައި އީދު ދުވަހަށް ކުރިއާލާ އިންތިޒާރުކޮށް, އެ ދުވަހުގެ އުފަލުގައި ބައިވެރިވެ ކުލަގަދަކޮށް ފާހަގަކުރަން ޖެހޭ ކަމަށެވެ.
މުޅި ރާއްޖޭގައި މިފަދަ ދިއްލުމަކުން ދިއްލާލަން ނިންމީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި އުފާވެރިކަމާއެކު, އާއިލާތަކުން އީދުގެ އުފަލުގައި ބައިވެރިވެ އެންމެ ފުރިހަމަ ގޮތުގައި އީދު ފާހަގަކުރުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ބޭނުންފުޅުވަނީ އެއް ރޫހެއްގައި އެއް ބައެއްގެ ގޮތުގައި އީދު ފާހަގަކުރަން ކަމަށެވެ.
މި އީދަކީ ރަށްރަށުގައި ވެސް އުފާވެރިކަމާއެކުގައި ނިކުމެ, ފަހުރުވެރިކަމާއެކު ފާހަގަކުރާ ދުވަހަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންނަކީ ދިވެހިން. ފަހުރުވެރި ދިވެހިން. ދިވެއްސަކަށް ވީތީ އަޅުގަނޑުމެންނަކީ އެއް ބައެއް. އެއް ނަސްލަކަށް ނިސްބަތްވާ އެއް ބަހަކުން ވާހަކަ ދައްކާ, އެއް ދީނަކަށް ތަބާވާ އެއް ބައެއް. އެއްބައިވަންތަ އެއްބައެއްވަންތަ ބައެއް. އެހެންވީމާ މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ގޮސްގެން ނުވާނެ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެފަދަ ހިޔާލުތަފާތުވުމެއް އަދި ހާލަތެއް ކުރިމަތިވީނަމަވެސް, މިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ދިވެއްސަކަށް ވީތީ ފަހުރުވެރިވެ, ދިވެހި ގައުމު ދެކެ ލޯބިވާ އިސްލާމްދީނަށް ނަސްރު ދޭ ބަޔަކަށް ވާން ވާނެ ކަމަށެވެ.
މިއީ ހުރިހާ ކުޑަކުދިންނަށް ވެސް މައިންބަފައިން ދަސްކޮށްދޭން ޖެހޭ ކަމަށާއި ގައުމު އާރާސްތު ކުރަން ޖެހެނީ މި އެއްބައިވަންތަކަމުގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މި އީދުގައި ހަމައެކަނި ވެރިކަން ކުރާ ރަށްތަކާއި ސިޓީތައް އެކަނި ދިއްލިނަމަވެސް, އިތުރު ރަށްތައް ވެސް ކުރިއަށް އޮތް ތަނުގައި މިގޮތަށް އީދު ދިއްލުންތައް ދިއްލާނެ ކަމަށާއި އެ ރިކުއެސްޓުތައް މިހާރު ވެސް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މި އަންނަ އަހަރަށް އަދި އަޟްހާ އީދަށް އިރާދަކުރެއްވިއްޔާ މިއަށް ވުރެ ގިނަ ކުރާނަން ގިނަ ރަށްތަކުން," ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނީ އަންނަ ބުދަ ދުވަހެވެ.
އީދު އެންމެ ފުރިހަމަ ގޮތުގައި ފާހަގަ ކުރެވޭނީ ހަރާމް ކަންތައްތަކާއި މުންކަރާތް ތަކަށް އަރާ ނުގަނެ.. މިކިޔާއެއްޗެއް ރައީސް ވިޔަސް ވިސްނާ…