ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިކުމެ ހުރީ އައްޑޫގައި އަޅާފައިވާ އިގްތިސާދީ މަރުތަޅު ނެއްޓުމަށް ކަމަށް އެމްޑީޕީ ދޫކުރައްވައި ޕީއެންސީއާއި ގުޅިވަޑައިގަތް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބަށް އައްޑޫގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އައްޑޫއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިހާދު ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި އޮތީ އައްޑޫގައި އަޅާފައިވާ މަރުތަޅު ނެއްޓުވުމުން މަސައްކަތް ކުރުން ކަމަށެވެ.
"މެނިފެސްޓޯގެ ހަމަ އެކަނި ކުޑަކުޑަ އެއްޗެއް ބަލާލިއިރުގާ މުޅި އައްޑޫގައި ފާއިތުވެދިޔަ ހުރިހާ ދުވަހެއްގައި އެޅިފައި އޮތް އިގްތިސާދީ މަރުތަޅު ނެއްޓުވުމަށްޓަކާ ރައީސް މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފަ" ނިހާދު ވިދާޅުވިއެވެ.
ރައީސް އައްޑޫއަށް ވެފައިވާ ވަޢުދުތަކުގެ ތެރޭގައި އައްޑޫގެ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާ, އިންޓަނޭޝަނަލް ޕޯޓް ތަރައްގީކޮށް, ހަންކެޑަ ޕްރޮޖެކްޓު ހިންގުމާއި އައްސޭރި ޓުއަރިސްޓް ޕްރޮޖެކްޓް ހިންގުން ވެސް ހިމެނޭ ކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ އެންމެ ނިކުމެތިބީ ބަގާވާތަކުން ސަރުކާރު ވައްޓާލުމަށްޓަކައި މަޖިލިސް ތެރެއިން ކުރަމުންދާ މަސައްކަތް ހުއްޓުވާ ސަރުކާރަށް އެއްބާރުލުން ދިނުމަށްޓަކާ ކަމަށެވެ.
އެދެނީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނާއި ދާއިރާގެ ހުރިހާ ރައްޔިތުން ވެސް މިކަމަށް އެއްބާރުލުންދީ ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށް ކަމަށް ނިހާދު ވިދާޅުވިއެވެ.