މަޖިލީހުގެ މެޖޯރިޓީ އަބަދުވެސް އޮންނަން ޖެހޭނީ އެމްޑީޕީއަށް: ސޯލިހު
ރައްޔިތުންގެ މަޖިލީހުގައި އަބަދުވެސް އޮންނަންވާނީ އެމްޑީޕީގެ މެޖޯރިޓީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ސޯލިހު އެހެން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގަމު ދާއިރާއަށް ވާދަކުރާ އަބްދުﷲ ޝަރީފްގެ ކެމްޕޭނު ބައްދަލުވުމުގައެވެ.
މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ އަލުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކުރަންޖެހޭނީ ވަރަށް ދަތި, އަދި އެހާމެ އުދަނގޫ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންގެ ތާއިދު އެމްޑީޕީއަށް ނެތް ވާހަކަ ނޫންކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ސަރުކާރުން ދަނީ އިންތިހާބާ ދިމާކޮށް ބާރާއި ނުފޫޒު ފޯރުވަމުން ކަމަށެވެ.
''ވަޒީފާތަކުގައި ތިއްބެވި މުވައްޒަފުންނަށް އިންތިހާއަށް ދަތި އެބަކުރޭ، ބިރު ދައްކާ، މިއަދު މިވަގަތު މި ރަށަށް އައި ގަޑީގައިވެސް އަޅުގަނޑަށް ޔަގީން މި ތަނަށް އަންނަ ބޭނުންވެފައި ތިބި އެތައް ބައެއް ތިއްބަވާނެ އެހެން ނަމަވެސް ވަޒީފާގެ ބިރުވެރިކަމާއި އެކީގައި ގޭގަ އާއި އޮފީހުގައި މަޑުކޮށްލައިގެން ތިބޭނީ'' ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވި އެމްޑީޕީގެ ސިޔާސަތުތައް ބައްޓަންވެފައި އޮންނަނީ ސީދާ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. މިނިވަންކަމާއި އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމަނިކުފާނުގެ ވެރިކަމުގައި ދެއްވިކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ، ޕީއެންސީ/ޕީޕީއެމް އަމަލުކުރަނީ އެއާ ހިލާފަށް ކަމަށެވެ.
''އެހެންވެ އެކަންކަން ތަކުރާރުވެނުދިޔުމަށްޓަކައި އަޅުގަނޑުމެންނަށް ކުރަން ޖެހޭ ކަމަކީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯދުން'' އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުވެސް ފުުރުއްވަމުން ގެންދަވާ ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްކޮށްފައިވަނީ އަމިއްލަ މަންފާއަށް އެއްޗެއް ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ މަންފާއަށްޓަކައި ކަމަށެވެ. ގާތްގަނޑަކަށް ފަންސާސް ހާހެއްހާ މެމްބަރުން ތިބި އެމްޑީޕީން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް ނާޅާނެ ކަމަށާއި، ތަރައްގީއަށްޓަކައި ކުރެވޭ ހުރިހާ ކަމެއްގައިވެސް ސަރުކާރަށް ބޭނުންވާ އެއްބާރުލުން ދޭނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.
ނަމަވެސް ކުރީ ސަރުކާރުން ފަށާފައިވާ 1700 މަޝްރޫއެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާވާނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށްދީގެން ކަމަށެވެ.
''ވެރިކަމުގައި ތިއްބަސް ވެރިކަމުގައި ނެތަސް މަޖިލީހުގެ މެޖޯރިޓީ އަބަދުވެސް އޮންނަން ޖެހޭނީ އެމްޑީޕީއަށް'' ސޯލިހު ވިދާޅުވިއެވެ.