މިނިސްޓަރު ވިދާޅުވީ ފްލެޓު ލިސްޓު މުތާލިއާ ކުރަން ޖެހޭ ކަމަށް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުންދާ 4،000 ފްލެޓް ލިބޭ މީހުން މިދިޔަ ސަރުކާރުން ހޮވައި އެކުލަވާލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެ ފްލެޓްތަކަށް ޝަރުތުހަމަ ނުވެ ފްލެޓް ނުލިބޭ މީހުންނަށް އެހެން މަޝްރޫއުތަކުން ފުރުސަތު ހޯދައިދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ހައިދަރު ވިދާޅުވީ، ފްލެޓްތައް ދިނުމުގައި އަމަލުކުރާ އުސޫލުތަކެއް މިދިޔަ ސަރުކާރުން އެކުލަވާލައިފައިވީ ނަމަވެސް، އެކުލަވާލެވިފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެ ލިސްޓުތައް އަލުން މުތާލިއާ ކުރަން ޖެހޭ ކަމަށެވެ.
"މިހާރު އިމާރާތް ކުރަމުންދާ 4000 ފްލެޓްގައި ދިރިއުޅޭނެ ރައްޔިތުން ހޮވުމަށް ކުރީ ސަރުކާރުން ނިންމަވާފައިވާ ލިސްޓުތަކަށް އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެވެސް ވަރެއްގެ މުތާލިއާތަކެއްކޮށް، އެ ލިސްޓުތަކަކީ ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތުތަކަށް ފެތޭ ބައެއްތޯ ކަނޑައަޅަން. ކުރީ ސަރުކާރުން ޝަރުތުތަކާއި، އުސޫލުތަކާއި ކަނޑައަޅާފަ އޮތީ. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން މި މަސައްކަތް ކުރެވިފައިވަނީ އެންމެ ރަނގަޅަކަށް ނޫން،"
މި ލިސްޓުތައް މުތާލިއާކުރަން ޖެހޭކަން ފާހަގަކުރައްވާ އިތުރަށް ހައިދަރު ވިދާޅުވީ، ބަލާނީ ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ދެވޭތޯ ކަމަށެވެ. އަދި ޝަރުތު ހަމަ ނުވެގެން އެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެހެން މަޝްރޫއުއެއްގެ ދަށުން ވެސް އެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
"މިސާލަކަށް ޝަރުތުހަމަ ނުވެގެން ވަކިވާ ބަޔަކީވެސް އަޅުގަނޑުމެން އެހެން މަޝްރޫއުތަކުން ފުރުސަތު ހޯދައިދީގެން ކުރިއަށްގެންދާނެ [ބައެއް]،" މި ސަރުކާރުގެ ވިސްނުމަކީ ވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ ހައިދަރު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް އިއުލާނުކުރި "ގެދޮރުވެރިޔާ ސްކީމް" އާއި އެ ސަރަހައްދުން ގޯތި ދޫކުރުމަށް އިއުލާން ކުރެވުނު "ބިންވެރިޔާ ސްކީމް" އާއި ގުޅިގެން ސިޔާސީ ބޭނުމަށް ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް ހައުސިންގް މިނިސްޓްރީން މިއަދު އެދިފައިވެއެވެ ވެއެެވެ.
އެ މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ދެ ސްކީމްއާ ގުޅިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި، އެ މިނިސްޓްރީއާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް މީސްމީޑިއާގައި ހަގީގަތާއި ހިލާފަ ވާހަކަ ފަތުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ އެ ދެ ސްކީމްގެ ދަށުން ވީހާވެސް ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އުސޫލާއި ހިލާފަ އެއްވެސް ރައްޔިތަކު އެއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުލާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެއެވެ.
މިނިސްޓްރީގެ ބަހަކާއި ނުލައި ސިޔާސީ ބޭނުމަށް ހަގީގަތާއި ހިލާފަ ވާހަކަ ނުފެތުރުމަށް މިނިސްޓްރީއިން މިއަދު އެދިފައިވަނީ، ފުލެޓުތަކުގެ ދާއިމީ ލިސްޓާއި ގުޅޭގޮތުން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި، ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި މީހުންގެ ލިސްޓު ކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީ އިން ހުއްޓުވާފައި ވަނީ ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާއެކު ބައެއް ފަރާތްތަކަށް އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެންނެވެ.