ފުނަދޫއިން ހައްޔަރުކުރި ސިހުރުވެރިޔާގެ ބަންދަށް 15 ދުވަސް
ށ. ފުނަދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިހާބުވި މެމްބަރު މުހައްމަދު މަމްދޫހުއަށް ސިހުރު ހަދަމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ސިހުރު ހަދާކަމުގެ ތުހުމަތުގައި އެރަށުން އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
ދެން އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބަށްފަހު މަމްދޫހުއަށް ސިހުރު ހަދަން އެމީހާ ފުނަދޫއަށް ގެންދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެމީހާ ހައްޔަރު ކުރިއިރު ސިހުރު ހަދަން ބޭނުންކުރި ބައެއް ސާމާނުވެސް ވަނީ ފެނިފައެވެ.
ދެން އެމްވީއަށް ވަނީ އެމީހާގެ ފޮޓޯއާއި އޭނާ ސިހުރު ހަދަން ބޭނުން ކުރަމުންދިޔަ ސާމާނުގެ ފޮޓޯތަކެއްވެސް ތިބިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ސިހުރު ހަދާފައިވަނީ ގަސްތަކަކަށެވެ. ލޮއިގައި މަމްދޫހުގެ ނަންޖެހުމަށްފަހު ގުރުއާންގެ އާޔަތްތައް ލިޔެފައި ރަށުގެ އެކި ގަސްގަހަށް ޖަހާފައިވާ ކަމަށް ވެއެވެ.
އެރަށު މީހަކު ކިޔައިދިން ގޮތުގައި ސިހުރުވެރިޔާ ހައްޔަރު ކުރީ މަޖިލިސް އިންތިހާބުގައި ވާދަކުރި ޕީއެންއެފް ކެނޑިޑޭޓުގެ އިންތިހާބީ އޭޖެންޓުގެ ގެއިންނެވެ. ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރީ އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމް ފުޅެވެ. އެހެންނަމަވެސް އޭނާ ބުނާ ގޮތުން މީހަކަށް ގެއްލުން ދިނުމަށް އޭނާ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެއެވެ.
ބައެއް މީހުން ކިޔައިދިން ގޮތުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން މަމްދޫހުއަށް ސިހުރުގެ އުނދަގޫތަކެއް ދަނީ ކުރަމުންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެދުވަހުން ފެށިގެން ވަނީ ސިހުރު ހަދަން ފަށައިފައެވެ.