ޚަބަރު އިޖުތިމާޢީ

މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާގެ 58 ކޭސް ރިޕޯޓްކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
އީޑީސް މަދިރި

މޭ މަހުގެ ފުރަތަމަ ހަތަރު ދުވަސް ޑެންގީއާއި ޗިކުންގުންޔާގެ ޖުމްލަ 98 ކޭސް ރިކޯޑު ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by Hajj Corporation

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް ވަނީ ޑެންގީގެ 40 ކޭހެއް ރިކޯޑު ކުރެވިފައިއެވެ.

މޭ މަހުގެ މިހާތަނަށް ވަނީ ޗިކުންގުންޔާގެ 58 ކޭސް ރިކޯޑުކުރެވިފަައެވެ.

މި އަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު މި ދެ ބަލީގެ ވެސް އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައި ވަނީ އޭޕްރިލް މަހުއެވެ.

މިހާތަނަށް ޑެންގީހުން އެންމެ ގިނައިން ރިކޯޑުކުރެވިފައި ވަނީ ހުޅުމާލެއިންނެވެ. އެއީ ޖުމްލަ 142 ކޭހެވެ. އަދި ޑެނގީ ހުން އެންމެ ގިނައިން ރިކޯޑު ކުރެވިފައި ވަނީ މާލެއިން ޖުމްލަ 193 ކޭހެވެ.

މިކަމާގުޅޭ ގޮތުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ''ދެން'' އަށް ވިދާޅުވީ މި ބަލިތައް ފެތުރޭ އީޑީސް މަދިރި ނައްތާލުމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ވީހާވެސް ބޮޑަށް ސާފުތާހިރުކަން އިތުރުކޮށް، ކުރިއަށް އޮތް ވިއްސާރަ މޫސުމުގައި ވީހާވެސް މަދިރި އުފެދޭ ތަންތަން ޑެއިލީ ނައްތާލާ ސާފުކުރުން ވަރަށް މުހިއްމު،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މި ބަލިތައް ނައްތާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް އެއްބާރުލުންދީ ވަކި ފަރުދުން ވެސް މި ބަލިތައް ނައްތާލުމަށް މަސައްކަތް ކުރުން ވަރަށް މުހިއްކަމަށެވެ.

ޑެންގީއާއި ޗިކުންގުންޔާގެ ކޭސްތައް ގިނަ ވަމުން އަންނާތި މިކަމާއި މެދު އެޗްޕީއޭއިންވެސް އަންނަނީ ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް އިލްތިމާސްކުރަމުންނެވެ. އަދި މި ބަލިތަކުން ސަލާމަތް ވާނެ ގޮތްވެސް އެ އޭޖެންސީގެ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު އަންނަނީ ހިއްސާކުރަމުންނެވެ.

ޗިކުންގުންޔާ ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ.

ޗިކުންގުންޔާއާއި ޑެންގީއިން ސަލާމަތް ވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުމެވެ. އަދި މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް ސަމާލުކަންދޭން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!