އިޒްރޭލުން ރަފާ ސިޓީއަށް އެރުން ހުއްޓުވަން ރާއްޖޭން އުޅެން ގޮވާލަން ހުށަހަޅައިފި
އިޒްރޭލު ސިފައިން ފަލަސްތީނުގެ ރަފާ ސިޓީ އަށް އަރައި ހަމަލާދޭން ރާވާފައިވާތީ އެކަން ދިވެހި ސަރުކާރުން ކުށްވެރިކުރަން ގޮވާލާފައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ހުށަހެޅި ކުއްލި މައްސަލާގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާ އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބައިނަލްއަގްވާމީ ގާނޫނުތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ބައެއްގެ އާދޭސްތަކަށް ބެލުމެއް ނެތި އިޒްރޭލު ސިފައިން ގާޒާ ސިޓީގެ ދެކުނުގައި އޮންނަ ރަފާ ސިޓީ އަށް އަރަން ތައްޔާރުވަމުންދާ ދިޔުމަކީ އެކަމުގައި އިންތިހާއަށް މުޅި ދުނިޔެ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ރަފާގައި މިހާރުވެސް ދިރިއުޅެމުންދާ އެތައް ސަތޭކަ ފަލަސްތީނުގެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށެވެ.
އެ އުދުވާނުގެ ސަބަބުން ރަފާގައި ގަތުލު އާއްމު ހިނގާފާނެ ކަމުގެ ބިރު އުފެދިފައިވުމާއެކު އިޒްރޭލުން ހިންގަން އުޅޭ ޖަރީމާ އަކީ ރާއްޖޭގެ ރައްޔިތުންގެ މަަޖިލީހުގެ ދެކޮޅު ކަމެއްކަން ހާމަކޮށް އިޒްރޭލުން ރަފާއަށް އެރުން ހުއްޓުވަން ސަރުކާރަށް ގޮވާލަން ކުއްލި މައްސަލާގައި އޭނާ ވިދާޅުވިއެވެ.
''...އިޒްރޭލުން މި ހިންގަން މި އުޅޭ ޖަރީމާއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއްކަން ހާމަކޮށް އަދި އިޒްރޭލު ސިފައިން ރަފާއަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ އަޅުގަނޑު ހުށަހަޅަން'' ކުއްލި މައްސަލާގައި ސަލީމް ވިދާޅުވިއެވެ.
ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް މިއަދު ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 22 މެމްބަރަކު ވޯޓު ދެއްވައިގެނެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރަފާ ސިޓީ ހިފަން އިޒްރޭލުގެ ސަރުކާރުން ހިންގަން އުޅޭ އުޅުމަކީ ނުރައްކާތެރި އަދި ބިރުވެރި ޖަރީމާއެއް ކަމަށެވެ. ހަނގުރާމަތަކަކީ ދެބައެއްގެ ދެމެދުގައި ހިނގާ ކަންކަމަށްވީ ނަމަވެސް އެ ހަ ހަމަލާގެ އަމާޒަކީ އާއްމު ރައްޔިތުން ކަމަށް ސަލީމް ވިދާޅުވިއެވެ.
''އަމިއްލަ ދިފައެއް ނެތް ވަރަށް ނިކަމެތި ހާލުގައި ތިބި ބައެއްގެ ވާހަކަ އަޅުގަނޑު މި ދައްކަވަނީ، އިއްޒަތްތެރި ރައީސް އަސްކަރީ ދެބާރެއްގެ ތެރޭގައި ހިނގާ ހަނގުރާމައަކަށް ނޫން އިޒްރޭލު ސިފައިން ތައްޔާރުވަމުން އެދަނީ'' ހޯރަފުށީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.