ޚަބަރު އިޖުތިމާޢީ

އިންޑަސްޓްރިއަލް ޒޯން ސާފުކޮށް އެތަނަށް އިންގިލާބީ ބަދަލެއް

  • އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައި
  • ސާފުކޮށް ނިމުމުން އިންޑަސްޓްރިއަލް ޒޯންގައި ބަނދަރެއް ތަރައްގީކުރާނެ
  • ޕާކު ކުރުމުގެ މައްސަލަ ހައްލު ކުރަންވެސް އެތަން ބޭނުން ކުރާނެ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލޭގެ އިންޑަސްޓްރިއަލް ޒޯން

ވަރަށް ބޮޑަށް ގޮނޑުކޮށްފައި އޮތް މާލެ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމަށްފަހު އެތަނަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

Ads by STELCO

އިންޑަސްޓްރިއަލް ޒޯން އޮންނަނީ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތަން ހިއްކި ފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަން ވަނީ ވަރަށް ބޮޑަށް ގޮނޑުކޮށްފަ އެވެ.

މިކަމާއި ގުޅިގެން އާންމުންގެ ފަރާތުން އެތައް ޝަކުވާއެއް ލިބުމުން މާލެ ސިޓީ ކައުންސިލުން ވަނީ އެކަން ހައުސިންގް މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ. ނިމިދިޔަ ހަފްތާގައި ސިޓީ ކައުންސިލުން ވަނީ އިންޑަސްޓްރިއަލް ޒޯން ސާފުކުރަން ފަށައިފަ އެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސާފުކުރުން ކުރިއަށް ދިޔައީ ފުލުހުންނާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ. އަދި މިމަސައްކަތުގައި ހައުސިންގް މިނިސްޓްރީގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަމަށް އާޒިމް ވިދާޅުވި އެވެ.

އެސަރަހައްދު އެއްކޮށް ސާފުކުރުމަށްފަހު މާލޭގެ ތޮއްޖެހުން ކުޑަކުރަން އެ ސަރަހައްދު ބޭނުން ކުރުމަށް ސިޓީ ކައުންސިލްގެ ވިސްނުން ހުރިކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން، އެ ސަރަޙައްދުގައި ގާއިމުކުރާ ބައެއް ތަންތަނުގެ ތެރޭގައި މާލެއަށް ދިމާވެފައި އޮތް ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިން ފެސިލިޓީއެއް ހިމެނެ އެވެ.

މީގެ އިތުރުން އިންޑަސްޓްރިއަލް ޒޯންގައި ހިތްފަސޭހަކަމާ އެކު އުޅަނދުތައް ކައިރިކޮށްލައި އަރައި ފައިބާ ހެދޭ ބަނދަރެއް ތަރައްގީކުރަން ނިންމާފައިވާކަންވެސް އާޒިމް ހާމަކުރެއްވި އެވެ. ޓާމިނަލްތަކާ އެކު އެ ސަރަޙައްދުގައި ޕަބްލިކް ޓޮއިލެޓްތައް ގާއިމުކުރުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އެހެންނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތް އެސަރަހައްދުގައި ކުރިއަށް ދާތީ އެތަން އެންމެ ރަނގަޅަށް ބޭނުން ނުކުރެވޭކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެންކަމުން އެންމެ ފުރިހަމައަށް އިންޑަސްޓްރިއަލް ޒޯން ބޭނުންކުރަން ފެށޭނީ ބްރިޖުގެ މަސައްކަތްވެސް މުޅިން ނިމުމުން ކަމަށް އާޒިމް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!