ޚަބަރު ސަރުކާރު

ބަޖެޓުގެ ޑެފިސިޓް ބޮޑުވާތީ ޖުޑިޝަރީ ބަޖެޓުން 30 މިލިއަން ރުފިޔާ އުނިކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑީޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

މިއަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން ޑެފިސިޓް ބޮޑުވާތީ އަދި ފައިސާ ހަމަޖައްސަން އުނދަގޫވާތީ ޖުޑިޝަރީއަށް ކަނޑައެޅި ބަޖެޓުން 30 މިލިއަން ރުފިޔާ ކަނޑާލައިފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން ޑީޖޭއޭއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ޑެފިސިޓް ބޮޑު އަދި ފައިނޭންސިން ހަމަޖެއްސުމަށް ދަތި ބަޖެޓަކަށް ވުމާ އެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވަނީ މަޖުބޫރުވެފައި ކަމަށެވެ.

ކޯޓުތަކުގެ ބަޖެޓުން ޖުމުލަ 30 މިލިއަން ރުފިޔާ އުނިކޮށްފައިވާއިރު އޭގެ ތެރޭގައި ޑީޖޭއޭގެ ބަޖެޓުގައި ކަނޑައަޅާފައިވާ ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓް (ޕީއެސްއައިޕީ) ގެ އުމްރާނީ މަސައްކަތްތަކުގެ ބަޖެޓު ވެސް ހިމެނެ އެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ޑީޖޭއޭއިން ދަނީ ބަޖެޓު އަލުން މުރާޖައާ ކުރުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރަމުންނެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ޑީޖޭއޭއަށް ކަނޑައަޅާފައިވަނީ 585.8 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓު ބަދަލުކުރަން 15 މިލިއަން ރުފިޔާ އާއި ހައިކޯޓު ޕެރަލީގަލް މަސައްކަތަށް 2.2 މިލިއަން ރުފިޔާ ހިމެނެ އެވެ.

ބަޖެޓުގެ ޑެފިސިޓް އިތުރުވާތީ އެހެން ބައެއް މުއައްސަސާތަކުގެ ބަޖެޓުވެސް ކުޑަކުރަން ފިނޭންސް މިނިސްތްރީން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ހަރަދު ކުޑަކުރަން އެހެނިހެން ފިޔަވަޅުތައްވެސް ސަރުކާރުން ދަނީ އަޅަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!