ޚަބަރު އިޖުތިމާޢީ

ބެލެނިވެރިންނާ ސްކޫލުން ގުޅިގެން ހިންގާ ކަންކަމަށް ޖާގަ ދޭނެ: މިނިސްޓްރީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޖަމާލުއްދީން ސްކޫލު

ރާއްޖޭގެ ސްކޫލުތަކުން ބެލެނިވެރިންނާއި ގުޅިގެން ހިންގާ ކަންކަމަށް ޖާގަ ދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

Ads by Sosun Fihaara

ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިން ތިބޭ ގްރޫޕެއްގައި މިއަދު ވަނީ ކްލާސްރޫމްތައް ފިނިކުރަން ސްޓޭންޑު ފަންކާ ގަންނަން ބޭނުންވާތީ އެކަމަށް އެހީތެރިކަން ފޯރުކޮށްދޭން އެދިފަ އެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާނަމަ އެކަން އެ ކްލާހެއްގެ ޓީޗަރަށް އެންގުމަށްވެސް ގްރޫޕުގައި ވަނީ އެދިފަ އެވެ.

ޖަމާލުއްދީން ސްކޫލުން ވަނީ ކޮންމެ ކްލާސް ރޫމަކަށް ފަންކާ ބޭނުންވާކަމަށް ބުނެފަ އެވެ. އަދި ބޭނުންވާ ފަންކާގެ މޮޑެލްއާއި އޭގެ އަގު ފޮޓޯއާއިއެކު ވަނީ ގްރޫޕުގައި ހިއްސާކޮށްފަ އެވެ.

މިކަމާއި ގުޅޭގޮތުން ދެން އެމްވީއިން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް ހަރަކާތަކަށް ބެލެނިވެރިންގެ ރުހުމުގައި އެމީހުންގެ އެހީ ހޯދުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި މީގެ ކުރިންވެސް މިނޫން ކަންކަމުގައިވެސް ބެލެނިވެރިންގެ އެހީތެރިކަން ސްކޫލުތަކުން ހޯދާކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

"އެކަމަކު ބެލެނިވެރިންގެ ނުރުހުމުގަ އެފަދަ ކަމެއް ކުރާނަމަ އެޑިއުކޭޝަނުން އެކަން ބަލާނެ." އޭނާ ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގެ ކްލާސްރޫމްތަކުގައި މިހާރުވެސް ސީލިންގް ފަންކާ ހުރެ އެވެ. އެހެންނަމަވެސް ހޫނުގަދަ މޫސުމަށް ވުމާއިއެކު ހޫނުވާތީ ސްކޫލުން އެހީއަށް އެދުނީ ސްޓޭންޑު ފަންކާ ހޯދާށެވެ. އެހެންނަމަވެސް އެހީ ފޯރުކޮށްދޭން އެދިފައިވަނީ ބޭނުންވާ ބެލެނިވެރިންގެ ފަރާތުންނެވެ.

ކްލާސްރޫމްތަކަށް ހޫނުވާ މައްސަލަ އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް އައިސްފަ އެވެ. އެގޮތުން ހދ. މަކުނުދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކްލާސްރޫމްތައް އޭސީ ކުރުމަށާއި ބިލުދައްކަން އިތުރު ހަރަދުތަކެއް ދާނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކްލާސްރޫމްތައް ފިނިކުރަން މަޝްރޫއުތައް ހިމަނާފައިވާނެ ކަަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Ads by HDC
  1. އޭސީ ހަރުކޮއްބަލަ. އރހެރަ ހޯލްވެސް ހީވަނީ އަވަނެއްހެން