ޚަބަރު

އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގަނެފި

އަލީ ސަމާޙް ، ދެން އޮންލައިން
ފުލުހުން ނައްތާލި މަސްތުވާތަކެެއްޗެއް/ ފޮޓޯ: ޕޮލިސް

މި އަހަރުގެ މިހާތަނަށް ފުލުހުންގެ ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތީގެ ހިދުމަތް ދެމުންދާ ފަސް 'ކާޓަލް'' އެއް ބަންދުކޮށް 19 ކިލޯގެ ޑްރަގު އަތުލައިގަނެފި އެވެ.

Ads by STELCO

ހޯމްލޭންޑް މިނިސްްޓްރީއާ ކަސްޓަމްސް އަދި ފުލުހުން ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

އެ ޕްރެސްގައި ބައިވެރިވެވަޑައިގެންނެވި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް އަހުމަދު ނާފިޒު ވިދާޅުވީ ފަސް ކާޓަލްގެ ތެރެއިން ދެ ކާޓަލްއެއް ބަންދުކުރީ އޭޕްރީލް މަހު ކަމަށެވެ. އެ ކާޓަލްތަކާއި ގުޅޭ އިތުުރު މައުލޫމާތެއް ނާފިޒު ހިއްސައެއްނުކުރެ އެވެ.

ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މިދިޔަ މަހު 812 މީހުން ބަލައި ފާސްކޮށްފައިވާއިރު އަހަރުގެ މިހާތަނަށް  ބަލައި ފާސްކުރި މީހުންގެ އަދަދަކީ 3686 އެވެ. ނާފިޒް ވިދާޅުވީ އޭޕްރީލް މަހުގެ ހައްޔަރުކުރި ހަތް މީހުންނާއެކު މި އަހަރުގެ މިހާތަނަށް ޑްރަގުގެ މައްސަލަތަކުގައި 260 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭޕްރީލް މަހު ޑްރަގާ އެކު ހަތް ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު މިހާތަނަށް 16 ބިދޭސީއަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މަސްތުގެ ހާލަތުގައި ތިބި 116 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ 61 ދިވެހިންނާއި 55 ބިދޭސީންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން 54 ބިދޭސީއަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް އިޝާރާތް ކުރައްވާ ނާފިޒް ވިދާޅުވީ މި އަހަރު، ޑްރަގާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންގައި ގާތްގަނޑަކަށް 19 ކިލޯގެ ޑްރަގު އަތުލައިގަނެފައިވާ ކަމަށެވެ.

'' އެ ތަކެތީގެ މަގުމަތީގެ އަގަކީ ސަތޭކަ ހަތަރު މިލިއަން ފަސް ސަތޭހަ ފަސް ހާސް، ފަސް ސަތޭކަ ނުވަ ރުފިޔާ ވެލިޔު އެބަހުރި'' ނާފިޒް ވިދާޅުވިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 257 މައްސަލަ ތަހުގީގުކޮށް 95 މައްސަލައަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވެއެވެ.،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!